ރައްޔިތުން ޖޫރިމަނާކޮށްގެން ނޫން ގޮތަކުން އާމްދަނީ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދަސްކުރައްވަން ވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓްވީޓްގައި ރައްޔިތުންގެ ނުރުހުމުގެ އަޑު ރައީސަށް އިއްވުން އަދިވެސް އިތުރު ކުރަންވީ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުން ޖޫރިމަނާކޮށްގެން ނޫން ގޮތަކުން އާމްދަނީ ހޯދަން ރައީސް @ibusolih ދަސްކުރަންވެއްޖެ. ސްޓިކާޖަހައި، ލައިސެންސް ބާތިލްކުރަން ހިފާއިރު ޕާކިން އާއި ޕަބްލިކް ޓްރާންސްޕޯޓް ކޮބާތޯ؟ ރައްޔިތުންގެ ނުރުހުމުގެ އަޑު ރައީސަށް އިއްވުން އަދިވެސް އިތުރުކުރަންވީ.
— Mohamed Jameel Ahmed (@MJameelAhmed) July 17, 2021
"ރައްޔިތުން ޖޫރިމަނާކޮށްގެން ނޫން ގޮތަކުން އާމްދަނީ ހޯދަން ރައީސް ސޯލިހު ދަސްކުރަންވެއްޖެ. ސްޓިކާޖަހައި، ލައިސެންސް ބާތިލްކުރަން ހިފާއިރު ޕާކިން އާއި ޕަބްލިކް ޓްރާންސްޕޯޓް ކޮބާތޯ؟ ރައްޔިތުންގެ ނުރުހުމުގެ އަޑު ރައީސަށް އިއްވުން އަދިވެސް އިތުރުކުރަންވީ." ޖަމީލް ވިދާޅުވިއެވެ.
ޖަމީލް މިހެން ވިދާޅުވެފައިމިވަނީ ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކުކުރި މީހާގެ ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުނިކުރާ ގޮތަށް ހަމަޖައްސައި 100 ޕޮއިންޓްގެ ކްރެޑިޓް ހުސްވުމުން ލައިސަންސް ބާތިލުވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އައު ގަވާއިދު ގެޒެޓްކުރުމާ ގުޅިގެންނެވެ. މި ގަވާއިދަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.
ޖަމީލުގެ އިތުރުން މިކަމާ ގުޅިގެން މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ޕާކިންގ އާއި ގުޅިގެން ޖޫރިމަނާ ކުރެވެން ވާނީ އެކަށީގެންވާ ވަރަށް ޕާކް ކުރާނެ ޖާގަ ފަހިކޮށް ދިނުމަށްފަހު ކަމަށް ދެކޭ ކަމަށް ވިދާޅުވެފައެވެ.