Last Updated: November 23, 10:24
Saturday, November 23, 2024
ޚަބަރު

މިއީ ބައިބައި ނުވެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން - ފޮޓޯ: މަޖިލިސް

ޕާޓީ ޕޮލިޓިކްސް އަށްވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައިދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ ސިޔާސީ ވެރިންގެ ކޯޅުމާއިހެދި ރައްޔިތުން މި ދަނީ ހަނާވަމުން ކަމަށެވެ.

"ސިޔާސީ ވެރިންގެ ކޯޅުމާއިހެދި ރައްޔިތުން ހަނާވަމުން މިދަނީ، މިއީ ސަރުކާރާއެކު އެންމެން ގުޅިގެން ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަންވީ ވަގުތު، ބައިބައި ވުމަކުން ރައްޔިތުންނަށް ހޯދައިދެވޭނެ ލުޔެއް ނުފެނޭ. ޕާޓީ ޕޮލިޓިކްސް އަށްވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަންޖެހޭ" ސައުދު ވިދާޅުވިއެވެ.

ސަރުކާރުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ތެރޭގައި މިހާރު ދިމާވެފައިވަނީ ސިޔާސަތުގެ މައްސަލައެކެވެ. އެމްޑީޕީގެ ރައީސް އާއި އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ތަފާތެކެވެ. އުޒުރެއްގެ ގޮތުގައި ދައްކަނީ ބައެއްކަންކަމުގައި އެއްގަލަކަށް ނޭރި ސިޔާސީ ވިސްނުން ތަފާތުވާ ވާހަކައެކެވެ. ވެރިކަމުގެ ނިޒާމުގެ ބަހުސްވެސް މީގެ ތެރޭގައި މުހިންމު ދައުރެއް އަދާކުރެއެވެ.

ރައީސް ނަޝީދު ވަކި ކަންތައްތަކެއް ބޭނުންވެލައްވާއިރު, ރައީސް ސޯލިހްގެ ފަރާތުން އެދިލައްވަނީ އެކަންކަން ރައީސް ނަޝީދު ބޭނުންފުޅުވެ ލައްވާ ގޮތަކަށް ކުރެއްވުމަށެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަދި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެދިލައްވާ އެދިލެއްވުންތަކެކެވެ. ރައީސް ސޯލިހް ވިދާޅުވަނީ އެމަނިކުފާނުގެ ވިސްނުންފުޅުހުރީ ވައުދުތައް ފުއްދެވުމަށްކަމަށެވެ. އިތުރު ދައުރަކާއި މެދު ވިސްނުންފުޅު ގެންގުޅުއްވާކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނޫނެވެ.

ރައީސް ނަޝީދު ވަނީ ރައީސް ސޯލިހް އާއެކު ސިޔާސީ ގޮތުން ދެން ކުރިޔަށް ދެވެން ނެތް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން "ނަފުރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމަށް ފަސްޖެހޭނަމަ ސަރުކާރަށް ތާއީދު ކުރެވެން ނެތްކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި އެމނިކުފާނާ ހަވާލާދީ ވިދާޅުވެފައިވަނީ ނަފްރަތުގެ ބިލަކީ ރާއްޖޭގައި މީހުންނާމެދު ދީނީގޮތުން ނަފްރަތު އުފެއްދުމުގެ ސަބަބުން ދޭ ހަމަލާތަކަށް ނިމުމެއް ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލެއްކަމަށެވެ.

އެހެންނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުޑަ އަދާލަތު ޕާޓީގެ ނުފޫޒުން ސަރުކާރުން އެ ބިލަށް ކުރި ތާއީދު ގެންގޮސްފައިވާކަމަށާއި، އަދި އަދާލަތު ޕާޓީން ރައީސް ސޯލިހްގެ އެފަދަ އެތައް ނިންމުމަކަށް ނުފޫޒު ފޯރުވާއިރު އެގޮތަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ރައީސް ސޯލިހް ދެއްވަމުން އަންނަކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ނަފުރަތުގެ ބިލު ފާސްކުރުމަށް ސަރުކާރުން ފަސްޖެހި އެބިލު ފާސްކުރުމުގެ ހިތްވަރު ނެތްނަމަ ސަރުކާރަށް އެމަނިކުފާނުގެ ތާއީދު ނެތްކަމަށެވެ.