ސ. ހެރަތެރަ ރިސޯޓް އޮޕަރޭޓް ކުރެވެމުން ނުދާ މަައްސަލާގައި އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ މަޝްވަރާކޮށްފި އެވެ.
އަދި އޭޑީސީން ވަނީ ހެރަތެރަ ތަރައްގީ ކުރި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު ނިޔާޒާ ވެސް މި މައްސަލާގައި މަޝްވަރާކޮށްފަ އެވެ.
އޭޑީސީގެ މެމްބަރު އިބްރާހީމް ހަމީދު ވިދާޅުވީ މިނިސްޓަރާއި އެމްޓީޑީސީ އާ އެކު ބޭައްވި ބައްދަލުވުންތަކުގައި ހެރަތެރަ އަލުން ވަރަށް އަވަހަށް އޮޕަރޭޓް ކުރަން ބަޔަކާ ހަވާލު ކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
އެގޮތުން މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ މެދު ތެރޭގަައި 546 އެނދުގެ ހެރަތެރަ ހިންގަން ބަޔަކާ ހަވާލު ކުރެވޭނެ ކަމުގެދ ޔަގީީންކަން ދީފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެރަތެރަ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ޓޫރިޒަމް މިނިސްޓަރު އަދީބް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި އެމްޓީޑީސީގެ ބޯޑަށް ޗެއާމަނަކު އައްޔަންކޮށް، ސަރުކާރާ އެކު ކުރަން ޖެހޭ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް ދާނެ ކަމުގެ އުމްމީދު ބޮޑު ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
ހެރަތެރަ ހިންގާނެ ބަޔަކު ހޯދަން އެމްޓީޑީސީން ބައިނަލްއަގްވާމީ ބީލަމަށް ތަކުރާރުކޮށް ހުޅުވައިގެން މިިދިޔަ އަހަރާއި މި އަހަރު ކުރީކޮޅު ވެސް މަސައްކަތްކޮށްފައިވެ އެވެ.
އެކަމަކު އެ ރަށަށް ޝައުގުވެރި ވާނެ ބަޔަކު ލިބޭ ގޮތެއް ނުވި އެވެ.
އެހެންވެ އެންމެ ފަހުން ވާހަކަ ދެކެވިފައި ވަނީ މަޝްހޫރު ވިޔަފާރި ވެރިޔާ ޗަމްޕާ ހުސައިން އަފީފުގެ ޓްރީޓޮޕް އިންވެސްޓްމަންޓަށް ހެރަތެރަ ވިއްކާލާށެވެ.
އެނގިފައިވާ ގޮތުގައި އެ ކުންފުންޏަށް ހެރަތެރަ ވިއްކާލަން ވާހަކަ ދެކެވުނީ 30 މިލިއަން ޑޮލަރަށެވެ.
މީގެ ކުރިން އެމްޓީޑީސީގެ އިތުރުން ޔޮޓް ޓުއާސް އާއި ތައިލެންޑްގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕުން ވެސް ހެރަތެރަ ހިންގަން މަސައްކަތް ކުރި އެވެ.
ރައީސް އަބުދުﷲަ ޔާމީން ވިދާޅުވެފައިވާ ގޮތުގައި ވެރިކަމަށް ވަޑައިގަންނަވާތާ ފުރަތަމަ މަސް ނިމުމުގެ ކުރިން ހެރަތެރައިގެ މައްސަލަ ހައްލުކޮށް ދެއްވާނެ އެވެ.
މިއަދަކީ ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ އެއް މަސް ފުރުނު ދުވަހެވެ.