Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

ނަފުރަތުގެ ބިލަކީ ވަކި ބައެއްގެ ފިކުރީ މިސްރާބުގެ ނާރެސްކަން ކަށަވަރުވެއްޖެ

އައްޝައިހް އަހުމަދު ސަމީރު، ފޮޓޯ: ސަން

ނަފުރަތުގެ ބިލަކީ ވަކި ބައެއްގެ ފިކުރީ މިސްރާބުގެ ނާރެސްކަން މިއަދު ރައްޔިތުުންނަށް ކަށަވަރު ވެފައިވާ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝެއިޚް ސަމީރު ކުރެއްވި ޓްވީޓްގައި ވަނީ ނަފްރަތުގެ ބިލަކީ ރައްޔިތުންގެ ވިންދާއި ޚިލާފު ބިލެއްކަމަށް ވިދާޅުވެފައެވެ.

"ނަފުރަތުގެ ބިލަކީ ހަމައެކަނި އޭގައިވާ ކުރު ޢިބާރާތްކޮޅު ނޫންކަމާއި، އެހެނެއްކަމަކު އެއީ، ރައްޔިތުންގެ ވިންދާ ޚިލާފު، ވަކި ބައެއްގެ ފިކުރީ އަދި މަންހަޖީ މިސްރާބުގެ ނާރެސްކަން މިއަދު ދިވެހި ރައްޔިތުންނަށް ކަށަވަރު ވެއްޖެކަމުގައި ދެކެމެވެ." ޝެއިޚް ސަމީރު ވިދާޅުވިއެވެ.

ގިނަބައެއްގެ ނުރުހުން އަމާޒުވެފައިވާ ނަފުރަތުގެ ބިލު ފާސްކުރުމަށް ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ފާސްކޮށްފައެވެ. އެގޮތަށް އެބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވަނީ އިތުރަށް ދިރާސާކުރުމަށް ކަމަށް ބުނެއެވެ.

އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން އެމްޑީޕީގެ ރައިސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ވަނީ މަޖިލީހުގައި ރައިސް ސޯލިހަށް ސީދާ ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅި ހިސާން ހުސައިންގެ ދިފާއުގައި ސަރުކާރުގެ އެއްވެސް ފަރާތަކުން ބަސްބުނެފައިނުވާތީ އެކަމަށްވެސް ފާޑުވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ފަރާތުން ހިސާން ހުށަހެޅުއްވި އެ ބިލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނީ އެ ބިލުގެ އެއްވަނަ ނަމްބަރަށެވެ. އެ ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ.

ފާޑުކިޔުންތަކުގެ ސަބަބުން ޖުޑިޝަރީ ކޮމިޓީން ވަނީ އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ކަނޑައެޅި މާއްދާ އުނިކުރަން ނިންމާފައެވެ.