ޕާކިސްތާނުގައި، އަފްޣާނިސްތާނުން އެ ޤައުމަށް ކަނޑައަޅާފައި ހުންނަ ސަފީރު ނަޖީބް އަލީޚިލްގެ އަންހެން ދަރިފުޅު ރަހީނުކޮށް އަނިޔާކޮށްފިއެވެ.
ސަފީރުގެ އަންހެން ދަރިފުޅު ސިލްސިލާ އަލީޚީލް ރަހީނު ކޮށްފަައިވަނީ ކޮންބައެއްކަން ނޭނގޭ ބަޔަކު، ހުކުރު ދުވަހު ގެޔަށް ދިޔުމަށްޓަކައި ދަނިކޮށް އިސްލާމްއާބާދުން ކަމަށާއި ރަހީނުކޮށް އަނިޔާ ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ސިލްސިލާއަށް މި ވަގުތު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ވާގަނޑުން އައްސާފައިހުރި ނިޝާންތަކާއި އެކި ޒަޚަމްތައް ސިލްސިލާގެ ހަށިގަނޑުން ވަނީ ފެނިފައެވެ.
ނަޖީބް ވަނީ އަފްޣާނިސްތާނުގެ ޑިޕްލޮމެޓުންނަށް ހިމާޔަތް ދިނުމަށް ޕާކިސްތާނު ސަރުކާރަށް ގޮވާލާފައެވެ. 26 އަހަރުގެ ސިލްސިލާ ރަހީނު ކޮށްފައި 5 ގަޑިއިރު ބަހައްޓާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަފްޣާނިސްތާނުގެ ސަރުކާރުން ވަނީ ކާބުލްގައި މި ހަމަލާގެ މައްސަލަ ފައިލް ކުރުމަށް އެދިފައެވެ. މިއީ ދެ ގައުމުން ވެސް ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް ދެ ގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީން މިކަމާއި ގުޅިގެން ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި މި އަނިޔާވެރި އަމަލު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ޕާކިސްތާނުގައި ތިބި ޑިޕްލޮމެޓުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ފުރިހަމައަށް ހިމާޔަތް ދިނުމަށް ވަނީ ޕާކިސްތާނަށް ގޮވާލާފައެވެ.