ރަހީނުކޮށް މަރާލާފައި ފޮއްޓަކަށް އަޅާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ފިރިހެއް ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓު ލިބިއްޖެ އެވެ.
އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. ޕޯސްޓް މޯޓަމް ހެދުމަށް ފަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސް ވަޅުލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ.
ހޮނިހިރު ދުވަހުގެރޭ ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ 13 އަހަރު ކުއްޖާގެ ޕޯސްޓްމޯޓަމް ޕްރެލިމިނަރީ ރިޕޯޓް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި ތަހްގީގު ފުރިހަމަ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން ރިޕޯޓު ލިބުނުކަން ހާމަ ކުރުން ފިޔަވައި ރިޕޯޓާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމަ ކުރައްވާފައެއް ނުވެއެވެ.
އެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ހާއިރު އެވެ.
އެ މައްސަލާގައި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފައި އެވެ. ހައްޔަރުކޮށްފައިވާ 27 އަހަރުގެ މީހަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން އެވެ. މީގެ ކުރިންވެސް ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.