އަންނަ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ އެެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރަން އަދި ނިންމާފައިނުވާ ކަމަށާއި ތާއީދުކުރާނެ ކެންޑިޑޭޓެއް އެނގޭނީ ޕްރައިމަރީގައި ވާދަކުރައްވާ އެހެން މީހުން އެނގުމުން ކަމަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރ އަބްްދުﷲ ސޯދިގު (ސޯބެ)ވިދާޅުވެެއްޖެ އެވެ.
އައްޑޫލައިވް ގެ "އަހަފެލަ" ޕްރޮގުރާމްގައި އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ރައީސް ނަޝީދު ވާދަކުރެއްވުމަށް ތާއީދު ކުރަންތޯ އެހުމުން ސޯބެ ވިދާޅުވީ އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.
"އަންނަ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އަދި މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ރައީސް ނަޝީދު އެކަނި، އެހެންކަމުން އަދި ވަކި ކެންޑީޑޭޓަކަށް ތާއިދުކުރާކަށް ނުނިންމަން. އެހެން ކެންޑިޑޭޓުން އެނގުމުން އެނގޭނީ ތާއީދުކުރާނެ ކެންޑިޑޭޓެއް. އެމަނިކުފާނު އެކަނި ވާދަކުރައްވާ ނަމަ އެމަނިކުފާނަށް ތާއީދުކުރާނަން ޔަގީނުންވެސް" ފާއިތުވި ދިހަ އަހަރު އައްޑޫގެ މޭޔަރު ކަމުގައި ހުންނެވި ސޯބެ ވިދާޅުވި އެވެ.
ސޯބެ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ތާއީދުކުރާނެ ކެންޑިޑޭޓެއް ނިންމާނީ އެ ކެންޑިޑޭޓެއް ނެރޭ ސިޔާސަތުތަކަށް ބެލުމަށް ފަހު ކަމަށެވެ.
"ކޮންމެ މީހަކުވެސް ކުރިއަށް ނެރޭ ކަންތައްތަކެއް ހުންނާނެ.، އެކަން އެނގުމުން އެންމެ ރަނގަޅު ސިޔާސަތުތަކެއް ގެންގުޅޭ ކެންޑޭޓަކަށް ތާއިދުކުރާނީ،" ސޯބެ ވިދާޅުވި އެވެ.
އެމްޑީޕީގެ މެޖޯރިޓޯ އޮންނަ އައްޑޫ ސިޓީގައި ރައީސް ނަޝީދު ވާދަކުރެެއްވި ރިޔާސީ އިންތިހާބުގެ ކޮންމެ ފަހަރަކު މެޖޯރިޓީ އެމަނިކުފާނަށް ލިބެ އެވެ. މާލެ ފިޔަވާ އާބާދީ އެންމެ ބޮޑު އައްޑޫ ސިޓީގެ ތާއީދު ހޯދުމަށް ކޮންމެ ޕާޓީއަކުންވެސް ވަރަށް މަސައްކަތްކުރެ އެވެ.
ރައީސް ނަޝީދު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާއިރު އެމަނިކުފާނާ ދެން ވާދަކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށްބެލެވެއެވެ. އަދި ރައީސް ނަޝީދަށް ތާއިދުކުރާ ފަރާތްތަކުން އެކަން ދަނީ ހާމަކުރަމުންނެވެ.
ސޯބެ ވަނީ އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އައްޑޫގެ ދާއިރާއަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހުރިކަން ހާމަކުރައްވާފައި އެވެ.