ޙައްޖުވެރިންނަކީ ﷲގެ ވަފްދެވެ. ﷲގެ ޙަޟްރަތަށް ޒިޔާރަތްކުރާ ބަޔަކަށް ﷲ ކަމޭ ހިއްތަވާނެކަން ކަށަވަރެވެ. ﷲއީ އެންމެ ދީލަތިވެ ވޮޑިގަންނަވާ ރަންކަލާނގެއެވެ. އެމީހުން ކަމަކަށް އެދި ދަންނަވައިފިނަމަ އެކަމެއް ފުއްދަވާ ދެއްވަވާނެއެވެ. އެމީހުން ފާފަ ފުއްސަވާ ދެއްވުމަށް ދަންނަވައިފިނަމަ އެމީހުންގެ ފާފަތައް ފުއްސަވާ ދެއްވާނެއެވެ. އެމީހުން ދަންނަވާ ދުޢާތައް އިޖާބަ ކުރައްވާނެއެވެ.
ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ "الْحُجَّاجُ وَالْعُمَّارُ وَفْدُ اللَّهِ، إِنْ دَعُوهُ أَجَابَهُمْ، وَإِنِ اسْتَغْفَرُوهُ غَفَرَ لَهُمْ ޙައްޖުގެ އެންމެ މުހިންމު އަޅުކަމަކީ ޙައްޖުމަހުގެ 9 ވަނަ ދުވަހު ޢަރަފާތު ބިމުގައި މާތް ﷲ އަށް ނިކަމެތިވެ މަޑުމޮޅި ކަމުގައި ތިބޭ ތިބުމެވެ. ޢަރަފާތު ދުވަހަށް ޙައްޖު ދުވަހޭ ކިޔެނީ މިހެން ވެގެންނެވެ. އެ ދުވަހު މާތްﷲ އެކަލާނގެ އަމުރުފުޅަށް ކިޔަމަން ގަނެގެން ޙައްޖަށް ދިޔަ މީހުންނާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެއެވެ." މިފަދައިންނެވެ.
ކީރިތި ރަސޫލާ ހަދީސްކުރައްވަނީ انْظُرُوا إِلَى عِبَادِى جَاءُونِى شُعْثًا غُبْرًا – (ތިމަން ރަސްކަލާނގެ އަޅުން ތިމަން ރަސްކަލާނގެ އަމުރުފުޅަށް އިޖާބަދީ ދަތުރުފަތުރުކުރުމުގެ ވަރުބަލިކަމާ އެކު، މިތަނަށް އައިސްތިބިގޮތް، ތިޔަބައިމީހުން، ފަހެ، ދެކެ ބަލާށެވެ.) އެކަލާނގެ އެކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރައްވާނެއެވެ. އަދި އެކަލާނގެ އެކަލާނގެ މަލާއިކަތުން ހެކި ކުރައްވާ އެކަލާނގެ އަޅުންނަށް ފާފަ ފުއްސަވާ ދެއްވާނެއެވެ. މިކަމުގެ ސަބަބުން ޙައްޖުވެރިން އެމީހުންގެ މައިންގެ ބަނޑުން އުފަންވި ދުވަސް ފަދައިން އެއްވެސް ފާފައެއްނެތް ޠާހިރު ބަޔަކަށް ވެގެންދާނެއެވެ. އެހެންކަމުން ޙައްޖަކީ އަލުން އުފަންވުމެކެވެ.
ޙައްޖަކީވެސް ޖިހާދެކެވެ. އެކަމަކުއެއީ އެކަމުގެ ތެރޭގައި ހަނގުރާމައެއް ނެތް، ކުރިމަތިލުމެއް ނެތް ޖިހާދެކެވެ. އެހެންކަމުން ޙައްޖުން އަވަދިވެގެން ޤައުމަށް އެނބުރި އައިސް ޖިހާދުގެ މަތީގައި ދެމިހުންނަން ވާނެއެވެ. ޖިހާދުގެ ތެރޭގައި ނަފްސާ ދެކޮޅަށް ކުރެވޭ ޖިހާދާއި، ޝައިޠާނާއާ ދެކޮޅަށް ކުރެވޭ ޖިހާދާއި ، ޤައުމަށްޓަކައި ކުރެވޭ ޖިހާދު ހިމެނެއެވެ.އަޅުކަންތަކަށް ސަމާލު ވުމާއި، ޝައިޠާނާގެ ބަހަށް ހެއްލުމާއި ނުލައި ދިރިއުޅެން ވާނެއެވެ. އޭގެ ތެރޭގައި އުއްމަތުގެ އެއްބައިވަންތަ ކަމަށްޓަކައި ކުރެވޭ ޖިހާދުވެސް ހިމެނެއެވެ. ޙައްޖުގެ މަނާސިކު ތަކަކީ އުއްމަތުގެ އެއްބައެއްވަންތަކަން ކަށަވަރު ކޮށްދޭ ކަމެކެވެ. ޙައްޖުގެ މަނާސިކުގެ ތެރޭގައި ޙައްޖުވެރިންގެ އަޅުކަންތަކާއި ތަލްބިޔާއާއި އިޙްރާމު ހެދުމުން ފެނިގެންދަނީ މިއުއްމަތުގެ މަތިވެރިކަމާއި އެއްބައިވަންތަކަމެވެ. ޙައްޖުގެ އަޅުކަންތަކުގެ ތެރޭގައި ޤައުމުތަކުގެ ތަފާތުކަމާއި، ނަސްލުތަކުގެ ތަފާތު ކަމާއި، ބަހުގެ ތަފާތު ކަމާއި ،ކުލައިގެ ތަފާތުކަންވަނީ ނެތިގެން ގޮސްފައެވެ.
ޙައްޖުވެރިޔާ ޤައުމަށް އެނބުރި އައިސް އޭނާގެ ގުޅުންތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަންޖެހޭނެއެވެ. އޭނާގެ ވެރި ރަސްކަލާނގެއާ އޭނާގެ އަހްލުންނާއި، އޭނާގެ އަވަށްޓެރީންނާއި، ރަޙްމަތްތެރީންނާއި، ގާތްތިމާގެމީހުންނާއެކު އޮންނަ ގުޅުން ،ރަނގަޅު ގުޅުމަކަށް ހަދަން ޖެހޭނެއެވެ.މި ގުޅުންތައް ރަނގަޅު ކުރުމަށް ގަދައަޅާ މަސައްކަތް ކުރަންވާނެއެވެ. ކީރިތި ރަސޫލާ ޙަދީް ކުރައްވަނީ" خَالِقِ النَّاسَ بِخُلُقٍ حَسَنٍ – ތިބާ މީސްތަކުންނާއެކު ރިވެތި އަޚްލާޤުން މުޢާމަލާތުކުރާށެވެ." މިފަދައިންނެވެ.
ޙައްޖުގެ މަނާސިކުގެ ސަބަބުން ނިޒާމު ދަސްވެއެވެ. ކޮންމެ ކަމެއްވެސް އެކަމެއްގެ ވަގުތުގައި ކުރުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް ދަސްވެއެވެ. މިއީ އާންމު ދިރިއުޅުމުގައި އަޅުގަނޑުމެންނަށް ގެއްލިފައިވާ އާދައެކެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ ކިބައިން ކަންނެތްކަން ފިލުވާލައި އަޅުގަނޑުމެން ނިދިން ހޭލައްވާނެ ކަމެކެވެ. އަޅުގަނޑުމެންގެ ޢަމަލީ ޙަޔާތަށް ބަލާއިރު އަޅުގަނޑުމެންނަށް މިއަދު ގިނައިން މި އުޅެވެނީ ނިޒާމުގެ ހަވާސާއިން ބޭރުގައެވެ. އަބަދު ވެސް މިއަދުގެ މަސައްކަތް މާދަމާއަށް ފަސްކޮށްގެންނެވެ. މިކަމުގެ ސަބަބުން ޢާންމު މަސްލަޙަތަށް ލިބޭ ގެއްލުންތައް ވަރަށް ބޮޑެވެ. ނިޒާމާ އެއްގޮތަށް ކަންތައްތައް ކުރެވިއްޖެނަމަ ތަނުގައި އޮންނާނީ އަމާން އޮމާން ވެށްޓެކެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ޚިދުމަތެއް އޮންނާނީ ލިބިފައެވެ. ކީރިތި ރަސޫލާ ޙަދީސްކުރައްވަނީ " خَيْرُ النَّاسِ أَنْفَعَهُمْ لِلنَّاسِ – އެންމެ ރަނގަޅު މީހަކީ މީސްތަކުންނަށް އެންމެ ފައިދާބޮޑު މީހާއެވެ. "
މިއަދުގެ ހާލަތަށް ބެލިކަމުގައި ވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ އިބުރަތުން ފުރިގެންވާ މަންޒަރުތަކެއްކަން ގައިމެވެ. އެތައް މިލިއަން މީހުން ކޮންމެ އަހަރަކު އެއްވެ ކުރަމުންދާ ޙައްޖުގެ އަޅުކަމަށް މި އަހަރު ގޮސްފައިވާ މީހުންގެ އަދަދު ނިސްބަތުން ވަރަށް މަދެވެ. ޠަވާފު ކުރުމުގައި ޙައްޖުވެރިން ޢަމަލު ކުރަމުންދަނީ ވަކި އުސޫލުތަކެކެވެ. މާސްކްއަޅާ އަނގައާއި ނޭފަތް ނިވާކޮށް، އިޖުތިމާޢީ ގައިދުރުކަމުގައި ކުރިޔަށް މަންޒަރުން އެނގިގެންދަނީ މުޖުތަމަޢުއަށް އަދި އަޅުގަނޑުމެން އިންސާނުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް އެ އަޅުކަމަކީ ކުރެވޭނެ އަޅުކަމެއް ކަމެވެ. އެއީ މާތްﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާނެ ގޮތްކަން ކަށަވަރެވެ. މި ވެސް މިއަދު ފިލާވަޅެކެވެ.
ޙައްޖަކީ މިފަދަ މުހިއްމު ކަންތައް ދަސްކޮށްދޭ ބޮޑު މަދްރަސާއެކެވެ. މި ކަހަލަ ބޮޑު ތަމްރީނުދޭ މަރްކަޒެކެވެ. އަލުން އުފަންކުރުވާފައި އަލުންޙަޔާތަށް ގެނެސްދޭ އަޅުކަމެކެވެ.