Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

އަލީ ވަހީދު ރާއްޖެ ގެންނަން ޔޫކޭ ސަރުކާރަށް ޕެޓިޝަނެއް ފޮނުވަނީ

މިވަގުތު އިނގިރޭސިވިލާތުގައި ހުރި، ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އަނބުރާ ރާއްޖެ ފޮނުވައިދިނުމަށް އެދި އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއް ތައްޔާރު ކުރަން ފަށައިފިއެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ، ޓޫރިޒަމް މިނިސްޓަރކަމުގެ މަގާމުގައި ހުންނެވިއިރު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީފުރައްސާރަކުރި މައްސަލައެއްގައި ދައުވާ އުފުލާފައެވެ. އެ މައްސަލައިގެ ޝަރީޢަތް ކުރިޔަށް ދަނިކޮށް އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ގޮސްފައެވެ.

ޗޭންޖް.އޯގް ފަރާތުން އަލީ ވަހީދު ރާއްޖެ ގެނައުމަށް ހަދާފައިވާ ޕެޓިޝަނުގައި ވަނީ އޭނާ ހައްޔަރުކޮށް އެ ގައުމުން ޑީޕޯޓުކޮށްލުމަށް އެދިފައެވެ. މީގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތުތައް އުފުލިފައިވާ ގޮތާއި މައްސަލަ އޮތް ހިސާބުވެސް ވަރަށް ބޮޑަށް ތަފްސީލްކޮށް ލިޔެފައިވެއެވެ އޭނާގެ މައްޗަށް މި ތުހުމަތު ކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން އެ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް ހިއްސާ ކޮށްފައިވާ ކަމަށް ވެސް އޭގައި ބުނެފައިވެއެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ހަމައެކަނި މައްސަލަ އަކީ އެއީ ނޫން ކަމާއި، އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަޙުލާއާ ބޭއަދަބީކޮށް ވާހަކަދައްކަވާ އޯޑިއޯއެއް މީގެ ކުރިން ލީކުވެފައިވާކަން ވެސް ޕެޓިޝަނުގައި ހާމަކޮށްފައިވެއެވެ.

އަލީ ވަހީދގެ މައްޗަށް މި މައްސަލާގައި 6 ދަޢުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ޖިންސީ އަނިޔާކުރުމާއި، ރޭޕްކުރަން އުޅުމުގެ ދަޢުވާއާއި، ޖިންސީ ގުނަވަން ހާމަކުރުމާއި، ޖިންސީ ގޯނާކުރުމާއި، ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއާއި ހުއްދަ ނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާވެސް ހިމެނެއެވެ.

މި މައްސަލަތައް ފެންމަތިވުމާއެކު އޭނާ މަގާމުން ވަކިކުރައްވާ ޕާސްފޯޓް ހިފަހައްޓާފައެވެ. އެހެން ނަމަވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް، ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލީ 4 މަސް ދުވަހަށެވެ. އެވަގުތު އަލީ ވަހީދު ބޭސްފަރުވާއަށް ދިޔުމުން ވަރަށް ގިނަ ބަޔަކު ދިޔައީ ދެން އޭނާ އެނބުރި ނާންނާނެ ކަމަށް ބުނަމުންނެވެ. އަދި އިދިކޮޅު ބައެއް ފަރާތްތަކުން ސަރުކާރުން އޭނާ ފިލުމަށް އެހީތެރިވީ ކަމަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ. ކޯޓުން ދިން އެ މުއްދަތު ނިމި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ޝަރީޢަތް ފެށި އިރު ވެސް އަލީ ވަހީދު އެނބުރި އައިސްފައެއް ނުވެއެވެ.

އަލީ ވަހީދު ވަނީ ބޭސްފަރުވާ ނުނިމޭ ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓަށް ލިޔެކިޔުންތައް ހުށަހަޅާފައެވެ. ނަމަވެސް އޭނާ އިނގިރޭސިވިލާތުގައި ހުންނަވައިގެން ޝަރީޢަތުގައި ބައިވެރިވެވޭ ގޮތަށް ކަނޑައެޅި ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާއަށް އަންގާފައި ވަނީ ތިން މަހުން ތިން މަހުން ފޮލޯ ޗެކްއަޕް ހެއްދުމަށެވެ.

އަލީ ވަހީދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަތުމަށް ޢަލީ ވަޙީދަށް ޗިޓު ހަވާލުކޮށްފައެވެ.