ހޯމަ ދުވަހު އެކަނި ވެސް އިންޑޮނޭޝިއާއިން ކޮވިޑް ޖެހިގެން 1338 މީހުން މަރުވެއްޖެއެވެ.
އިންޑޮނޭޝިއާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ސާފު ނުވާ ކަމަށް ވެސް އެ ގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ގޭގައި ތިބެ މަރުވާ އެތައް ސަތޭކަ ބަޔަކު ރިޕޯޓް ނުކުރާ ކަމަށާއި އެހެން ކަމުން މި އަދަދު އޮޅިފައިވާ ކަމަށް އޮފިޝަލުން ދަނީ ބުނަމުންނެވެ.
އިންޑޮނޭޝިއާގެ ބޮގޯ ސަރަހައްދު ވެފައިވަނީ މިހާރު އެންމެ ބޮޑަށް ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ހިސާބަށެވެ. ޑިއުޓީ ބަހައިގެން ރެއާއި ދުވާލު މީހުން ވަޅުލުމުގެ މަސައްކަތުގައި މީހުން ދަނީ ހިލޭސާބަހަށް މަސައްކަތް ކުރަމުންނެވެ. ވަޅު ކޮންނަ މީހުން ވަރުބަލިވެފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި މަންޒަރު ތަކަކީ ބަލަން ކެތްވާވަރުގެ މަންޒަރު ތަކެއް ނޫނެވެ. ހުއްޓާނުލާ 24 ގަޑިއިރު ފަހަރަކު މީހަކު ގެތަކުން ނެރެގެން ގޮސް ހިނަވާ ކަފުންކޮށް ވަޅުވާ ހެދުމުގައި އެކަމަށް ހާއްސަ ކޮށްފައިވާ ގްރޫޕްތަކުން އުޅެއެވެ.
މައްޔިތާ ހިނެވުމުގައި އަންހެނުންނަށް އަންހެނުން އަދި ފިރިހެނުންނަށް ފިރިހެނުން ހާއްސަ ވެފައި އޮތުމުގެ ސަބަބުން މި ކަމުގައި ހަރަކާތްތެރިވާ އަންހެނުން ވެސް މަދެއް ނޫނެވެ. އަރާމެއްނެތި މި ގޮތަށް މަސައްކަތް ކުރަން ޖެހުމުން ވަރަށް ވަރުބަލި ކަމަށް ކަށުކަމާކެމީގެ ކަންތަކުގައި އުޅޭ އަންހެނުން ދަނީ ބުނަމުންނެވެ.
24 ގަޑިއިރުތެރޭ އެންމެ ގިނަ މީހުން މަރުވި ރެކޯޑް ކުރިން އޮތީ ބްރެޒިލްގައި ކަމަށް ވިޔަސް އިންޑޮނޭޝިއާއިން ވަނީ އެމީހުންނަށްވުރެ ކުރި މިކަމުގައި ހޯދާފާއެވެ. ހޯމަ ދުވަހުގެ އަސްލު އަދަދު ނޭނގުނު ކަމުގައި ވިޔަސް ރިޕޯޓް ކުރެވުނު އަދަދު އެކަނި ވެސް ވަނީ އެގޮތުން ފާހަގަ ކުރެވިފައެވެ.
މިހާތަނަށް އެ ގައުމުގައި 2.88 މިލިއަން މީހުންނަށް ވަނީ މިބަލި ޖެހިފައެވެ. މީގެ ތެރެއިން 73582 މީހުން ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. އަދި މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2.26 މިލިއަނަށް އަރާފައެވެ.