އެކި ދާއިރާތަކުގެ އިސް ސަފުން އަންހެނުންނަށް ފުރުސަތު ދޭން ޖެހޭނެ ވާހަކަ އާއި ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގެ ވާހަކައަކީ ރާއްޖޭގައި ފަހަކަށް އައިސް މާ ބޮޑަށް ދައްކާ ވާހަކައެކެވެ. އެވާހަކަ އަދިވެސް ބަހުސަކަަށް ވެފައި އޮންނަނީ އެންމެ އިސް ސަފުން އަންހެނުންނަށް ޖާގަ ދިނުމަށް ބައެއް މީހުން ފަސްޖެހޭތީ އެވެ. ނުވަތަ އިސް ސަފުގައި އަންހެނުން ޝާމިލްވާ ވަރު މަދުކަމުން ކަމަށް ވެދާނެ އެވެ. އަންހެނުންނަށް އެންމެ އިސް ސަފުން ފުރުސަތު ދިނީމަ ވާނެ ގޮތް އެންމެ ބޮޑަށް ތަޖުރިބާ ކުރަނީ އައްޑޫ ސިޓީ މީދޫ އެވެ. އައްޑޫ ސިޓީ މީދޫގައި ވެރިކަން ކުރަނީ އަންހެނުންނޭ ބުނެވިދާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މީދޫ ދާއިރާ ތަމްސީލް ކުރަނީ އަންހެނެއް
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ ގޮނޑިއަަށް ރޮޒޭނާ އާދަމް އިންތިހާބުވެވަޑައިގެންނެވި މިއީ ދެ ވަނަ ދައުރެވެ. އެ މަގާމަށް ރޮޒެނާ ވަޑައިގެންނެވީ މީދޫގެ އެތައް ފިރިހެންނަކާ ވާދަކޮށްގެނެވެ. އެމްޑީޕީގެ ޓިކެޓްގައި މަޖިލިސް ގޮނޑިއަށް ރޮޒައިނާ އިންތިހާބުވެވަޑައިގެންނެވި ދެ ދައުރުގައި ވެސް އެމްޑީޕީ ޓިކެޓު ހޯދަން ޕްރައިމަރީގައި މީދޫއަށް ނިސްބަތްވާ ފިރިހެނުން އޭނާއާ ވާދަ ކުރެ އެވެ. އެއަށްފަހު އެެކި ޕާޓީތަކުން ނިކުންނަ ކެންޑިޑޭޓުންނާ އޭނާ ކޮންމެ ފަހަރަކުވެސް ވާދަކުރާއިރު އެއިން ކޮންމެ ފަހަރަކުވެސް މީދޫއަށް ނިސްބަތްވާ ފިރިހެނުންގެ މައްޗަށް ރޮޒޭނާ ކުރި ހޯއްދަވަ އެވެ. މި ކަމަށްޓަކައި އޭނާ އަކީ ސިޔާސީ ދާއިރާގައި ފިސާރަ އަންހެނެއް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.
ރޮޒޭނާއާ މެދު ދާއިރާގެ މީހުން ވެސް ހިތްހަމަޖެހެ އެވެ. ސިޔާސީ މަޝްރަހްގައިވެސް ރޮޒޭނާ އަކީ ނުފޫޒު ގަދަ މީހެކެވެ. މިއަދު ސަރުކާރުގެ ބާރުގަދަ މެމްބަރެއް ކަމަށްވެސް ބެލެވެ އެވެ.
"ބަރާބަރަށް ގުޅާނެ. ކަންކަމުގައި ލަފާ ހޯދާނެ. ވަރަށް ބަރާބަރު މީހެއް ރޮޒޭ އަކީ،" ރޮަޒޭނާގެ ވާހަކަ އަހާލުމުން މީދޫގެ ފިރިހެނަކު ބުނީ މިހެންނެވެ.
އައްޑޫ ސިޓީ ކައުންސިލްގައި މީދޫ ތަމްސީލްކުރަނީ އަންހެން ކަނބަލެއް
ލާމަރުކަޒީ ގާނޫނަށް ގެނައި ގެނައި އިސްހާލާއެކު ވަކި ދާއިރާތަކަށް އަންހެނަކަށް ނޫނީ ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅަންޖެހުނެވެ. އެއާއެކު ކައުންސިލް އިންތިހާބުގައި އަންހެނުންނަށް ހާއްސަކުރާނެ ދާއިރާތައް ކަނޑައަޅަން ނެގި ގުރުއަތުން މީދޫ ކަނޑައެޅުނީ އަންހެނުން އެކަނި ވާދަކުރާ ދާއިރާ ގޮތުގައި އެވެ. އެހެންވެ މިއަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ މީީދޫ ދާއިރާއިން އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުވީ އަންހެން ކަނބަލެކެވެ.
އައްޑޫ ސިޓީ ކައުންސިލްގައި މީދޫ ދާއިރާ ތަމްސީލްކުރާ އައިމިނަތު ސާލިހާ ޕީޕީއެމް ޓިކެޓްގައި ނިކުމެ މީދޫ ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބުކުރީ ވާދަވެރި ކެމްޕެއިނަކަށްފަހު އެވެ. އޭގެ ކުރިން ނަލަފެހި ޖަމިއްޔާގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ސޯލިހާ އަކީ ރަށުގެ ތަރައްގީގެ ކަންކަމުގައި އިސްވެ އުޅުނު ފަރާތެކެވެ. ސާލިހާ ދެކޭ ގޮތުގައި ސިޔާސީ ދާއިރާއެއް ކަމަށް ވިއަސް މިއީ އަންހެނުންކުރިއަށްދާން ހުރަހެއް އޮތް ދާއިރާއެއް ނޫނެވެ.
"އެއްވެސް ކަހަލަ އުނދަގުލެއް. ކުދިން ބަލަމުން ގޭތެރޭގެ ކަންކަން މެނޭޖުކުރަމުން ކައުންސިލްގެ މައްސޫލިއްޔަތު އަދާކުރެވޭ. އަންނަކަށްވީތީ އެހެން މީހުންގެ ފަރާތުން ވެސް އެއްވެސް އުނދަގުލެއް ނާދެ. އޭގެ ބަދަލުގައި އެހެން މީހުންގެ އިހްތިރާމް މާބޮޑަށް ލިބޭކަން ފާހަގަ ކުރެވޭ،" ސޯލިހާ، ތަޖުރިބާ އައްޑޫ ލައިވް އާ ހިއްސާކުރި އެވެ.
އައްޑޫ މީދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މާނާ
އައްޑޫ ސިޓީ މީދޫ އަވަށު އޮފީހުގެ ސިވިލް ސަރވިސްގެ އެންމެ އިސް މުވައްޒަފަކީ އަވަށު އޮފީހުގެ ޑިރެކްޓަރެވެ. އަލަށް އަވަށު އޮފީސްތަކުގެ އުފެއްދި އެ މަގާމަށް މާނާ މުމްތާޒް އައީ މިދިޔަ އަހަރު އެވެ. މީދޫއަވަށު އޮފީހުގައި ކައުންސިލަރު ފިޔަވާ އެހެން އެންމެ އިސް މީހަކީ ވެސް އަންހެން ކަނބަލެކެވެ. އަދި މީދޫ އޮފީހުގެ މެޖޯރިޓީ އަކީވެސް މިއަދު އަންހެނުންނެވެ.
"އަންހެންގެ ގޮތުގައި މާ ބޮޑު އުނދަގުލެއް ފާހަގައެއް ނުކުރެވޭ. އާ ކައުންސިލަރަކަށް އަންހެނަކު މިހާރު ހުންނައިރު ފާހަގަ ކުރެވޭ ވަރަށް ކަންކަމާ އުޅޭކަން. މިހާރުގެ ކައުންސިލަރު ސޯލިހާ ވަރަށް މަސައްކަތްކުރައްވާ ވަރަށް ކަންކަން ހައްލު ކޮށްދެެއްވަން މަސައްކަތް ކުރައްވާ،" އާ ކައުންސިލަރާއެކު ކުރެވޭ ތަޖުރިބާ މާނާ ކިޔާ ދިނެވެ.
މާނާގެ މަސައްކަތާމެދު އެ އޮފީހުގެ މުވައްޒަފުންނާއި ރަށުގެ މީހުންގެ ޝަކުވާއެއް ނެތެވެ. އޭގެ ބަދަލުގައި އޭނާއާ މެދު ފާޅުކުރަނީ ތައުރީފުގެ ބަސްތަކެވެ. މާނާގެ މަސައްކަތުގެ މައްސޫލިއްޔަތަކީ އެހާ ފަސޭހަ އަދި ކުޑަ މައްސޫލިއްޔަތެއް ނޫނެވެ.
އައްޑޫ މީދޫ އާއި އެއްފަސްގަނޑެއްގައި އޮންނަ ހުޅުދޫގައި އަވަށު އޮފީހުގެ ޑިރެކްޓަރު މަގާމަށް ހަމަޖެއްސި މޫސާ ސިއްދީގާމެދު އެ އޮފީހުގެ ގިނަ މުވައްޒަފުންތަކެއްގެ ޝަކުވާ ފުނިޖެހި އޭނާ އެ މަގާމުން ވަކިވާން ޖެހުމަކީ އޭގެ ހެއްކެކެވެ. އެއީ ކޮންމެ ކޮންމެ މީހަކަށް އަދާކުރަން ފަސޭހަ ކަމެއް ނޫންކަން މިކަމުން ދޭހަވެ އެވެ.
ހުޅުމީދޫ ބޭންކްގެ އެންމެ އިސްވެރިއަކީ އަންހެނެއް
އައްޑޫ ސިޓީގެ ބޭންކް އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗްގެ ވެރިޔައަކަށްވެސް ހުންނެވީ މީދޫއަށް އުފަން ފިސާރި ކަނބަލެކެވެ. ހުޅުމީދޫގެ ބްރާންޗްގެ މެނޭޖަރުކަން ކުރައްވާތާ މިހާރު 10 ވަރަކަށް އަހަރުވީ އެވެ. ހުޅުމީދޫގެ ބްރާންޗްގައި މެނޭޖަނަރަކަށް މަސައްކަތް ކުރުމަށް ފަހު މާލެ ވަޑައިގެން އެނބުރި އަނެއްކާވެސް އޭނާ މިހާރު ހުންނެވީ ހުޅުމީދޫ ބްރާންޗްގެ ވެރިއަކަށެވެ.
އޭގެ ކުރިންވެސް އޭނާ ވަނީ މި ބްރާންޗްގައި މެނޭޖަރުކަންކޮށްފައި އެވެ. އެހއައްޑޫ ލައިވްއަށް ޝަޒްލީން ވެސް ވިދާޅުވީ އެ ދާއިރާއިން ދިއުމަށް އަންހެނުނަށް ހުރަހެއް ނެތް ސަބަބުތަކެވެ.
"ރަނގަޅު ދާއިރާއެއް އަންހެނުން ކުރިއަށްދާން. އެއްވެސް އުނދަގުލެއް ނެތް މި ދާއިރާގައި މަސައްކަތްކުރާކަން،" ޝަޒްލީން ވިދާޅުވި އެވެ.
ޝަޒްލީންގެ ހިންގުންތެރިކަމާއި އޭނާގެ މަސައްކަތް އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން ވެސް ބަލައިގަނެ އެވެ.
މީގެ އިތުރުން ހުޅުމީދޫ ބީއެމްއެލް ބްރާންޗްގެ ހާއްސަ ކަމަކީ މޭނަޖަރުގެ އިތުރުން އެ ތަނުގައި އެންމެ ފިރިހެނެއް ފިޔަވާ ދެން މަސައްކަތް ކުރަނީ ހުސް އަންހެނުންނެވެ.
ޒީނިޔާގެ ހިންގުންތެރިކަން އަތޮޅު މަދަރަސާއިން
އައްޑޫ ސިޓީގައި ވަކި ފަސްގަނޑެއްގެ ގޮތުގައި އޮންނަ މީދޫ އާއި ހުޅުދޫގައި މިހާރު ކިޔަވާދެނީ ހަމަ އެކަނި ސ.އަތޮޅު މަދަރުސާގައި އެވެ. މި ސްކޫލްގެ އިސްވެރިއަަކަށް ހުންނެވީ ވެސް މީދޫ އަށް ނިސްބަތްވާ އަންހެން ކަނބަލެކެވެ. އާމިނަތު ޒީނިޔާ އެ ސްކޫލް ޕްރިންސިޕަލް ކަމުގެ ހުންނަވާތާ މިއީ 12 ވަނަ އަހަރެވެ.
"އަންހެނަކަށްވީތީ މަސައްކަތްކުރަން އެއްވެސް ދަތިކަމެއް ނޯވޭ. އެކަމު އެންމެ ފުރަތަމަ ސްކޫލާ ހަވާލުވިއިރު އަންހެނަކަށް މިކަހަކަ ޗެލެންޖިން ސްކޫލެއް ނުހިންގޭނެ އޭ ވަރަށް ގިނަ މީހުންގެ ވިސްނުން ބަދަލުވެއްޖެ ސްކޫލަށް ގެނައި ބަދަލުތަކާއެކު. އެޑިއުކޭޝަން ސެކްޓަރގައި އަންހެނުން އިސްސަފުގައި މަސައްކަތްކުރުން ވަރަށް ރަނގަޅު،" ޒީނިޔާ ވިދާޅުވި އެވެ.
އޭނާގެ ހިންގުންތެރިކަން ވަޒަން ކުރަނީ ދަރިވަރުންގެ ނެރޭ ނަތީޖާއިން ކަމަށް ބެލި ނަމަވެސް އެކަން ސާފުކޮށް ފެންނާން އެބަ އޮތެވެ.
ޒީނިޔާ ސްކޫލް ހިންގެވުމުގައި ހުންނެވި ދުވަސްތަކުގައި އެ ސްކޫލްގެ ދަރިވަރުން މުޅި ރާއްޖެއިންނާއި ދުނިޔެއިން ފާހަގަ ކޮށްލެވޭ ނަތީޖާ ނެރެފައި އެބަ ހުއްޓެވެ.
"ޒީނިޔާ އަކީ ވަރަށް ހިންގުންތެރިއެއް. ވަރަށް މީހުންނާ ގުޅޭ މީހެއް އެއީ. އަހަރަމެން ވަރަށް ހިތްހަމަ ޖެހޭ. ރަނގަޅުވީމަތާ މިހާ ދުވަހު އެ ހުރެވޭނީ ވެސްއެ މަގާމުގައި" ތައުލީމީ ދާއިރާގައި 25 އަހަރު ހޭދަކޮށްފައިވާ ސ.އަތޮޅު މަދަރުސާގެ ލީޑިން ޓީޗަރު ތަވީލް އަބްދުލްމުހްސިން ޒީނިޔާއާ ގުޅޭ ގޮތުން ބުންޏެވެ. .
އެހެން ކަމުން މީދޫއިން ފެންނަނީ އަންނެހެނުންނަށް އިސް ސަފުގައި މަސައްކުރުމުގައި ގޮންޖެހުންތައް މަދުކަމެވެ. އަދި އަންހެނުން ދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމަކީ ބޭކާރު ކަމެއް ނޫންކަމާއި ކޮންމެ ދާއިރާއަކުންވެސް ކުރިއަށް ދިއުމުގައި އަންހެނުންނެކޭ އެއްގޮތައް ފިރިހެނުން މިއަދު ފުރުސަތުތައް އެބަހުރި ކަމެވެ. ބޭނުންވަނީ ރަނގަޅު ތައުލީމާއިއެކު ރަނގަޅު ތަރުބިއްޔަތެވެ. މުވައްސަސާތަކުގެ ވެރިންނަށް އަންހެނުން ތިބުމެކޭ ފިރިހެނުން ތިބުމެކޭ މީދޫއަކުން ތަފާތެއް ނުފެނެ އެވެ. މީދޫގައި އެކި ދާއިރާތަކުގެ އިސްސަފުގައި ތިއްބެވި އަންހެން ކަނބަލުންނަނީ އެހެން އަންހެނުންނަށްވެސް ނަމޫނާ އެކެވެ.