އައްޑޫގެ ކިޔަވާ ކުދިންނަށާއި ޒުވާނުންނަަށް އަމާޒްކޮށްގެން ”ބްލޫސް ވިތު ޔޫތު” ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެ އެވެ.
”ބްލޫސް ވިތު ޔޫތު ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަން އިޢުލާން ކުރައްވާފައި ވަނީ ސީޕީ މިހާރު ސައުތު ޕޮލިސް ޑިވިޜަނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އައްޑޫ ސިޓީގައި ކެމަރާ ސިސްޓަމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތައްފަހު ކައުންސިލް އިދާރާގެ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ދެއްކެވި ވާހަކަގައި ރައްޔިތުންނަށް އަމާން އޮމަން މުޖުތަމަޢުއެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގައި ޒުވާނުން ކުށްކުރުމުން ދުރުކުރުވުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރެއްވި އެވެ. ހަމަ އެއާއެކު އައްޑޫގެ ކިޔަވާ ކުދިންނަށާއި ޒުވާނުންނަށް އަމާޒްކޮށްގެން “ބްލޫސް ވިތު ޔޫތު” ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ނިންމަފައިވާ ޕްރޮގްރާމަށް އަލި އަލުއްވާލެއްވި އެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަ ވިދާޅުވީ މި ޕްރޮގްރާމަކީ ކުށުގެ މާހަލުން ޒުވާނުން ދުރުކޮށް ޒުވާނުން ތަރުބިއްޔަތުކޮށް ތަމްރީނާއި ހުނަރު ދަސްކޮށް ދިނުމަށް ހިންގާ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ މި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުކަމަށް ވިދާޅުވި އެވެ.
ޒުވާނުންނަށް އަމާޒްކޮށްގެން ސިލްސިލާކޮށް ހިންގުމަށް ކަނޑައަޅާފައިވާ މި ޕްރޮގްރާމުގެ ކޮންމެ ސެޝަނެއް ވެސް ފަސް ދުވަހުގެ މުއްދަތަށް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.