ބަރަހަނާ ފިލްމު އުފެއްދި މައްސަލައިގާ ހައްޔަރު ކޮށްފައިވާ ޝިލްޕާ ޝެއްޓީގެ ފިރިމީހާ ރާޖް ކުންދްރާ އެ މައްސަލައިން ރެކެން ވެގެން ކްރައިމް ބްރާންޗްގެ ފުލުހުންނަށް 25 ލައްކަ ރުޕީސް ދިނުމަށް ހުށަހެޅި ކަމަށް ޔަޝް ތާކުރް ބުނެފިއެވެ.
ރާޖް ރިޝްވަތު ހުށަހަޅާފައިވަނީ ހައްޔަރު ކުރުމުގެ ކުރިން ކަމަށާއި އޭނާ ހައްޔަރު ނުކޮށް ބަހައްޓައިދިނުމަށް އެދި އެ އަދަދު ހުށަހެޅި ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބިއުރޯގެ ފަރާތުން އެ މައްސަލަ މުމްބާއި ޕޮލިސް ޗީފްގެ އޮފީހަށް މިދިޔަ އޭޕްރީލްމަހު ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބަރަހަނާ ފިލްމު އުފައްދާ "ހޮޓްސްޕޮޓް" ކިޔާ އެޕްލިކޭޝަނެއްގައި އެ ފިލްމު ވިއްކަމުން ދަނިކޮށް އެ އެޕްލިކޭޝަން ސަރުކާރުން ބްލޮކް ކުރުމާއި ގުޅިގެން އިތުރު އެހެން އެޕްލިކޭޝަނެއް ތައްޔާރުކުރުމަށް ވެސް ރާޖް މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން ރާޖްގެ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ ގޮތުން އެކްޓްރެސް އެއްކަމަށްވާ ޕޫނަމް ޕާންޑޭ ވެސް ވަނީ ރާޖް އޭނާއަށް ބިރުދެއްކި ކަމަށާއި ބުނާ ގޮތަކަށް އަމަލު ނުކޮށްފިނަމަ ޕާސަނަލް ވީޑިއޯތަކެއް ލީކްކޮށްފާނެ ކަމަށް ބުނި ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން މިހާތަނަށް ރާޖްގެ އައިޓީ މަސައްކަތް ކުރާ މީހާއާއެކު 9 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ރާޖްއާއި އޭނާއެކު މަސައްކަތްް ކުރި ކަމަށް ބެލެވޭ ފަރާތްތަކަށް ދުވާލެއްގެ މައްޗަށް ބަރަހަނާ ފިލްމު ވިއްކައިގެން 6 ލައްކަ ރުޕީސް އާއި 8 ލައްކަ ރުޕީސްއާއި ދެމެދުގެ އަދަދަކަށް ފައިސާ ލިިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގާ އޭނާ ހައްޔަރުކޮށް ކޯޓަށް ހުށަހެޅުމުން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާ ތަހުގީގް ކުރިޔަށް ގެންދިޔުމަށް އަމުރުކޮށްފައެވެ.
މުމްބާއީގެ ފުލުހުން ވަނީ ރާޖްއަކީ މި ފަހަރު ފުލުހުން ހޯދި ބަރަހަނާ ފިލްމުގެ ވިޔަފާރިކުރާ ކަމަށް ބެލެވޭ ވިއުގައިގެ މައި ތަޅުދަނޑި ކަމަށް ބުނެފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ރާޖް މި ވިޔަފާރި ކުރަމުން ގޮސްފައިވަނީ އެޕަލް އަދި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނަ "ހޮޓްސްޕޮޓް" ކިޔާ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށެވެ.
ރާޖް ބުނެފައިވަނީ އޭނާ ވަނީ 2019 ވަނަ އަހަރު 25000 ޑޮލަރަށް އެ އެޕްލިކޭޝަން ވިއްކާފައި ކަމަށެވެ. އެހެން ނަމަވެސް ކްރައިމް ބްރާންޗުން ބުނެފައިވާ ގޮތުގައި ރާޖްއަދި ޔޫކޭގައި ހުންނަ އޭނާގެ ޅިއަނަކު އެ އެޕްލިކޭޝަންގައި އެކުގައި މަސައްކަތް ކޮށްފައިވެއެވެ. މި ވިޔަފާރީގައި ރާޖްއަށް އާއިލާގެ ފަރާތުން އެންމެ ބޮޑަށް އެހީތެރިވެ ދީފައިވަނީ އޭނާގެ ޅިއަނު ޕްރަދީޕް ބަކްޝީއެވެ.
ރާޖްގެ ދައްތަގެ ފިރިމީހާއަކީ ލަންޑަންގެ ކެންރިން ލިމިޓެޑްގެ ޗެއާމަންއެވެ. އަދި ރާޖްއަކީ ވިއާން އިންޑަސްޓްރީޒް ލިމިޓެޑްގެ ވެރިޔާއެވެ. މި ހޮޓްސްޕޮޓް އެޕްލިކޭޝަނަކީ މި ދެ ކުންފުނިން ބައިވެގެން އުފެއްދި އެޕްލިކޭޝަނެކެވެ.
ރާޖްގެ އިތުރުން އޭނާގެ އައިޓީ ބަލަހައްޓާ ފަރާތް ކަމަށްވާ އާރްޔަން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މުމްބާއީ މެޖިސްޓްރޭޓް ކޯޓުން ވަނީ މި ދެމީހުން ޖުލައި 23ގެ ނިޔަލަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ތަހުގީގް ކުރުމުގެ އަމުރު ދީފައެވެ.