ކޮވިޑް-19ގެ މިހާރު އެންމެ ހަލުވި ކަމާއެކު ފެތުރޭ އަދި އެންމެ ނުރައްކާ ކަމަށް ބެލެވިފައިވާ ޑެލްޓާ ވޭރިއަންޓަށްވުރެ ނުރައްކާ އައު ވޭރިއަންޓެއް އިންޑޮނޭޝިއާއިން ފެނިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ސިއްޚީ ތަޖުރިބާކާރުން ބުނެފިއެވެ.
ފާއިތުވި ހަފްތާގައި އިންޑޮނޭޝިއާވަނީ ދުވާލެއްގެ މައްޗަށް އެންމެ ގިނަ އައު ކޭސް ފެނިފައިވާ ގައުމުތައް ކަމަށްވާ ބްރެޒިލް އަދި އިންޑިއާއަށްވުރެ ކުރިޔަށް ޖެހިލާފައެވެ. އެގޮތުން އެ ގައުމުން ބުރާސްފަތި ދުވަހު އަލަށް ފެނުނު ކޭސްތަކުގެ އަދަދު ވަނީ 49،500ށް އަރާފައެވެ. އަދި ކޮވިޑްގައި ބުރާސްފަތި ދުވަހު އެ ގައުމުން ވަނީ 1449 މީހުން މަރުވެފައެވެ.
އައު ވޭރިއަންޓްތައް އަބަދުވެސް ފެނިފައިވަނީ ކޮވިޑް ކޮންޓްރޯލް ނުވެ ކުރިޔަށްދާ ސަރަހައްދުތައް ނުވަތަ ގައުމުތަކުގައި ކަމަށް އޮސްޓްރޭލިއާގެ ގްރިފްތް ޔުނިވާސިޓީގައި މަސައްކަތްކުރާ އިންޑޮނޭޝިއާގެ ކޮރޯނާ ވައިރަސްއަށް ރިސާޗް ހަދަމުންދާ އެޕިޑޮމިއޮލޮޖިސްޓެއް ކަމަށްވާ ޑިކީ ބުޑިމަން ވަނީ ބުނެފައެވެ. ދުނިޔޭގެ ސިއްޚީ ޖަމިއްޔާއިން ބުނާގޮތުން 5އިންސައްތައަށްވުރެ ގިނަ ޕޮޒިޓިވް ކޭސްތައް މަތިމައްޗަށް ފެންނަ ކަމަށްވާ ނަމަ އެއީ ކޮންޓްރޯލުން ނެއްޓިފައިވާ ކަމުގެ އަލާމާތެކެވެ. އިންޑޮނޭޝިއާގައި 16 މަސް ދުވަސްވަންދެން މި އިންސައްތަ އޮތީ 10 އެއްގައެވެ. އަދި މިހާރު ވަނީ 30 އިންސައްތައަށްވުރެ މައްޗަށް އަރާފައެވެ. އެހެން ކަމުން އިތުރު ވޭރިއަންޓެއް ފެނުމުގެ ބިރުވަނީ އުފެދިފައެވެ.
އިންޑޮނޭޝިއާއިން އަދި މިހާތަނަށް އައު ވޭރިއަންޓެއް ފެނިފައިނުވި ކަމުގައި ވިޔަސް ހާލަތު ދަށްވަމުންދާ ރޭޓަށް ބަލާއިރު ދާދި ކައިރި މުސްތަޤްބަލެއްގައި އައު ވޭރިއަންޓެއް ފެނުން ގާތްކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
އިންޑޮނޭޝިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނި 3,033,339 ށް އަރާފައެވެ. މި ބަލީގައި އެގައުމުން މިހާތަނަށް 79,032މީހުން ވަނީ މަރުވެފައެވެ.