އަވަހާރަކޮށްލާފައިވާ ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސްގެ ޖަނާޒާ ބާއްވައިފިއެވެ.
ޖަނާޒާގައި މޮއިިސްގެ ސަންދޯއް އުފުއްލާފައިވަނީ މިލިޓަރީގެ އޮފިސަރުންނެވެ. ގެކޮޅުގައި ހުންނަވަނިކޮށް ޖުލައި 7 ވަނަ ދުވަހުގެ މެންދަމު ތިނެއް ޖެހިއިރު ބަޔަކު ވަދެ ބަޑިޖަހާ މޮއިސް ވަނީ އަވަހާރަ ކޮށްލާފައެވެ. އެ ހާދިސާގައި މޮއިސްގެ އަނބިކަނބަލުން ހަށިކޮޅަށް ވެސް ވަޒަންއަރާ ޒަޚަމް ވެފައިވެއެވެ.
މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވީ ކުރީގެ އެމެރިކާ ސިފައިންގެ ތެރޭގައި އުޅުނު 2 މީހަކާއި 36 ކޮލަމްބިއާއަށް ނިސްބަތްވާ މީހުންކަމަށް ހެއިޓީގެ ފުލުހުން ވަނީ ބުނެފައެވެ.
އުމުރުން 53 އަހަރުގެ މޮއިސް އޭނާގެ ގެ ކޮޅުގައި ހުންނަވަނިކޮށް އަވަހާރަ ކޮށްލާފައިވަނީ ބުރާސްފަތި ދުވަހުއެވެ.
މޮއިސްގެ ހަށިކޮޅަށް 12 ވަޒަން އަރާފައިވާ ކަމަށާއި ފެނުނު އިރު ލޯ ވެސް އޮތީ ބޭރަށް ނިކުމެފައި ކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ. ރަހުމު ކުޑަ ގޮތަކަށް މޮއިސް އަވަހާރަ ކޮށްލި ހާދިސާގައި އޭނާގެ އަނބިކަނބަލުންނަށް ވެސް ހަމަލާދީފައެވެ. އެ ކަމަނާއަށް މި ވަގުތު ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި ފަރުވާ ދެމުންނެވެ.
ހެއިޓީގެ ފުލުހުން ވަނީ މި ހަމަލާ ދިން ކަމަށް ބެލެވޭ 4 މީހަކު މަރާލާފައެވެ. އަދި ޝައްކު ކުރެވޭ 6 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ 6 މީހުން އާންމުންނަށް ވަނީ ދައްކާލާފައެވެ. އެ ވަގުތު އެމީހުންގެ ގައިގައި ޒަޚަމްތަކާއި ލޭ ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހެއިޓީގެ ފުލުހުން ބުނެފައިވާ ގޮތުގައި މި ހަމަލާ ދިނުމުގައި ހިމެނޭ މީހުންގެ ތެރެއިން 17 މީހަކު މިހާތަނަށް ވަނީ އަތުލައިގެންފައެވެ. އަދި ބައެއް މީހުން ވަނީ ޓައިވާނަށް އެތެރެވެފައިވަނިކޮށް އެ ގައުމުގެ ފުލުހުންގެ އެހީތެރިކަމާއެކު އަތުލައިގެންފައެވެ.
މޮއިސްގެ އަނބިކަނބަލުން ވަނީ ބޭނުންވަނީ ވބަދަލު ހިފުން ނޫން ކަމަށާއި ބޭނުން ވަނީ އިންސާފުކަމަށް ބުނެފައެވެ.
ހެއިޓީއަކީ ދެކުނު އެމެރިކާ ބައްރުގައިވާ އެންމެ ފަގީރު ގައުމެެވެ. އެގައުމުގެ ރައީސް އަވަހާރަކޮށްލާފައިމިވަނީ އިންތިހާބަކާ ނުލައި ވެރިކަމުގައި ހުންނަވާތާ ދެ އަހަރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު އެގައުމުގައި ރިޔާސީ އިންތިހާބު ބާއްވަން ވެސް ތައްޔާރުވަމުންދަނިކޮށެވެ.