ބޮލީވުޑް އެކްޓްރެސް ޝިލްޕާ ޝެއްޓީ އޭނާގެ ފިރިމީހާ ރާޖް ކުންދްރާގެ ކުންފުންޏެއް ކަމަށްވާ ވިއާން އިންޑަސްޓްރީގެ ޑިރެކްޓަރު ކަމުގެ މަޤާމުން އިސްތިއުފާ ދީފިއެވެ.
ބަރަހަނާ ފިލްމު އުފައްދާ އޮންލައިން އެޕްލިކޭޝަނެއް މެދުވެރިކޮށް އެ ފިލްމުތައް ވިއްކި މައްސަލައިގާ ހައްޔަރު ކޮށްފައިވާ ރާޖްވަނީ މި ޖުލައި މަހުގެ 27 ވަނަ ދުވަހާއި ހަމަޔަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ތަހުގީގް ކުރުމަށް ކޯޓުން އަމުރުދީފައެވެ.
ހުކުރު ދުވަހު ފުލުހުން ވަނީ 6 ގަޑިއިރު ވަންދެން މައްސަލައާއި ގުޅުންހުރި އެއްވެސް ހެއްކެއް ފެނޭތޯ ޝިލްޕާއާއި ރާޖް ދިރިއުޅެމުންދިޔަ ގެ ބަލާ ފާސްކޮށްފައެވެ. ޝިލްޕާގެ އެއްވެސް އަތެއް މި މައްސަލައިގާ ވާކަމެއް އަދި ހެކިތަކުން ފެންނަން ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ޝިލްޕާ އެމީހުންގެ ޓާގެޓަށް އައީ ކުއްލި ގޮތަކަށް އެ ކުންފުނިން އޭނާ އިސްތިއުފާ ދިނުމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ބަރަހަނާ ފިލްމުތަކުގެ ވިޔަފާރި ކޮށްފައިވަނީ ވިއާން އިންޑަސްޓްރީގެ ދަށުން ކަމަށް ވުމާއިއެކު އެ ވިޔަފާރިން އެއްވެސް ފައިދާއެއް ޝިލްޕާއަށް ކޮށްފައިވޭތޯ ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ޝިލްޕާގެ އެކައުންޓްތައް ވެސް ޗެކް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ކްރައިމް ބްރާންޗުން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ޑިރެކްޓަރެއްގެ މަގާމުގައި ޝިލްޕާ ޚިދުމަތް ކޮށްފައިވާ މުއްދަތު ވެސް ބެލުމުގެ މަސައްކަތް އެމީހުން ދަނީ ކުރަމުންނެވެ.
މީގެ ކުރިން ކްރައިމް ބްރާންޗުން ވަނީ ވިއާން އިންޑަސްޓްރީގެ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ވެސް ޗެކް ކޮށްފައެވެ. މުހިއްމު ޑޭޓާތަކެއް އެތަނުގެ ސާވަރއިން ޑިލީޓް ކޮށްފައިވުމާއެކު އެކަން ކުރި ފަރާތެއް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ފޮހެލާފައިވާ ޑޭޓާތައް އަނބުރާ ގެނެވޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މުމްބާއީގެ ފުލުހުން ވަނީ ރާޖްއަކީ މި ފަހަރު ފުލުހުން ހޯދި ބަރަހަނާ ފިލްމުގެ ވިޔަފާރިކުރާ ކަމަށް ބެލެވޭ ވިއުގައިގެ މައި ތަޅުދަނޑި ކަމަށް ބުނެފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ރާޖް މި ވިޔަފާރި ކުރަމުން ގޮސްފައިވަނީ އެޕަލް އަދި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނަ "ހޮޓްސްޕޮޓް" ކިޔާ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށެވެ.
ރާޖް ބުނެފައިވަނީ އޭނާ ވަނީ 2019 ވަނަ އަހަރު 25000 ޑޮލަރަށް އެ އެޕްލިކޭޝަން ވިއްކާފައި ކަމަށެވެ. އެހެން ނަމަވެސް ކްރައިމް ބްރާންޗުން ބުނެފައިވާ ގޮތުގައި ރާޖްއަދި ޔޫކޭގައި ހުންނަ އޭނާގެ ޅިއަނަކު އެ އެޕްލިކޭޝަންގައި އެކުގައި މަސައްކަތް ކޮށްފައިވެއެވެ. މި ވިޔަފާރީގައި ރާޖްއަށް އާއިލާގެ ފަރާތުން އެންމެ ބޮޑަށް އެހީތެރިވެ ދީފައިވަނީ އޭނާގެ ޅިއަނު ޕްރަދީޕް ބަކްޝީއެވެ.
ރާޖްގެ ދައްތަގެ ފިރިމީހާއަކީ ލަންޑަންގެ ކެންރިން ލިމިޓެޑްގެ ޗެއާމަންއެވެ. އަދި ރާޖްއަކީ ވިއާން އިންޑަސްޓްރީޒް ލިމިޓެޑްގެ ވެރިޔާއެވެ. މި ހޮޓްސްޕޮޓް އެޕްލިކޭޝަނަކީ މި ދެ ކުންފުނިން ބައިވެގެން އުފެއްދި އެޕްލިކޭޝަނެކެވެ.
މި މައްސަލައިގެ ސަބަބުން ޝިލްޕާ މި ވަގުތު ޖަޖުކަން ކުރަމުންދާ ސުޕަރ ޑާންސާގެ ޝޫޓިންގ ތަކަށް ދިޔުން ވެސް އޭނާ ވަނީ މަޑުޖައްސާލާފައެވެ. އަދި ޖަޖުކަމުގެ މަގާމުން އޭނާ ވަކިކުރަން އުޅޭ ކަހަލަ ވާހަކަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.