Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

އެމެރިކާގައި ޑެލްޓާ ވޭރިއަންޓް ހަލުވިކަމާއެކު ފެތުރިދާނެކަމުގެ ބިރު

NEW ROCHELLE, NY - MARCH 18: Coronavirus crisis volunteer Rhiannon Navin greets local residents arriving to a food distribution center at the WestCop community center on March 18, 2020 in New Rochelle, New York. New Rochelle has been a hot spot for the COVID-19 pandemic in the U.S. (Photo by John Moore/Getty Images)

އެމެރިކާގައި ކޮވިޑް-19ގެ މިހާތަނަށް ފެނިފައިވާ އެންމެ ނުރައްކާތެރި ވޭރިއަންޓް ކަމަށްވާ ޑެލްޓާ ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެން ފެށުމާއިއެކު ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސިއްޚީ މާހިރުން ގޮވާލައިފިއެވެ.

އެމެރިކާއަަކީ ދުނިޔޭގެ ނިސްބަތުން ކޮވިޑް ވެކްސިން އެންމެ މަދުން ރައްޔިތުންނަށް ދެވިފައިވާ ގައުމެކެވެ. މި ފަދަ ހާލަތުގައި އެފަދަ ނުރައްކާތެރި ވޭރިއަންޓެއް ފެތުރުމަކީ ވަރަށް ވެސް ބޮޑު ކަމެއް ކަމަށާއި އެކަމަށް އަވަސް ފިޔަވަޅު ތަކެއް ބޭނުންވާކަމަށް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވިދާޅުވެފައިވާ ގޮތެއްގައި ކޮވިޑް އިންތިހާއަށް ފެތުރިފައި ވުމުގެ ސަބަބުން ތަފާތު ވޭރިއަންޓްތައް ފެނުމުގެ ބިރު އަބަދުވެސް އޮންނާނެއެވެ. އަދި މިފަދަ ހާލަތެއްގައި ޑެލްޓާ ވޭރިއަންޓް ފެތުރުން ވެގެންދާނީ ގިނަ ބަޔަކު މިކަމަށް ހުށަހެޅޭނެ ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެންތަނީ ވިދާޅުވީ އެމެރިކާގެ ކޮންމެ ރައްޔިތަކީ ވެކްސިން ފުރިހަމަ ކޮށްފައިވާ ރައްޔިތަކަށް ހެދޭތޯ އެމީހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަށް ދުނިޔޭގެ އެހެން ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުުވެފައެވެ. އެ ގޮތުން އަންނަ ހަފްތާގައި އިންޑިއާއަށް ވަޑައިގެން ވެކްސިން އުފެއްދުން އިތުރު ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެންތަނީ ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް އެމެރިކާއިން ވަނީ 60 މިލިއަން ވެކްސިން ޑޯޒް މިދިޔަ މަހުގައި އެކި ގައުމުތަކަށް ފޯރުކޮށްދީފައެވެ. އަދި އެގައުމުން ދަނީ 500 މިލިއަން ވެކްސިން ޑޯޒް ގަތުމަށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ޑެލްޓާ ވޭރިއަންޓާއި ދެކޮޅަަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް ކާމިޔާބީ ހޯދުމަށް ނިންމާފައިވާ ކަމަށް އެންތަނީ ވަނީ ވިދާޅުވެފައެވެ.

ޑެލްޓާ ވޭރިއަންޓް ގިނަ އަދަދެއްގެ ޒުވާނުންގެ ގައިން ފެނުމާއި ގުޅިގެން އެމެރިކާއިން ވަނީ އެގައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކޮށްފައެވެ.

ޑެލްޓާ ވޭރިއަންޓް އެންމެ ފުރަތަމަ ފެނިފައިވަނީ އިންޑިއާއިންނެވެ. އެހެން ނަމަވެސް މިހާރު މި ވޭރިއަންޓް އެކި ގައުމުތަކުން ވަނީ ފެންނަން ފަށާފައެވެ. އެގޮތުން އިންޑޮނޭޝިއާއިން ވެސް މި ވޭރިއަންޓް ޖެހިގެން ގިިނަ އަދަދަކަށް މީހުން ދަނީ މަރުވަމުންނެވެ.

އެމެރިކާއިން މިހާތަނަށް 34.3 މިލިއަން މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި މި ބަލި ޖެހިގެން އެ ގައުމުން 6 ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.