އައްޑޫގައި ތަރައްގީ ކުރު ފުރަތަމަ ރިސޯޓް ހެރަތެރެ ވިއްކާލަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ނިންމާފައި އޮތް ނިންމުން ބާތިލް ކުރުމަށް ފަހު އެ ރަށް ގަންނާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެމްޓީޑީސީގެ ކުރީގެ ބޯޑުން ނިންމާފައި ވަނީ 30 މިލިއަން ޑޮލަރަށް، ޗަމްޕާ ހުސެން އަފީފްގެ ހިއްސާވާ ޓްރީޓޮޕް އިންވެސްޓްމަންޓަށް އެ ރިސޯޓް ވިއްކާލުމަށެވެ.
އިކޮނޮމިކް ކޮމިޓީގެ ކޯޗެއާ އަދި ޓޫރިޒަމް މިިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވީ އާ ބޯޑެއް އޮތުމުން އެ ރަށް ވިއްކާލުމަށް ނިންމި ނިންމުން ބާތިލްކޮށް އަލުން ބީލަމަށް ހުޅުވާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
އަދި މިހާރު އެމްޓީޑީސީގެ މާލީ ހާލަތު ހުރި ގޮތުންނާއި އެ ރަށް ހުރި ހާލަތުން އެ ރަށް ވިއްކާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެރެތެރެ ގަންނަން ހުށަހަޅާ ކުންފުންޏަކުން އެއް މިލިއަން ޑޮލަރު ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި ކުރީގެ ތަޖުރިބާ އަށް ބެލުމަށް ފަހު އެ ރިސޯޓް ވިއްކާލާނީ އެ ކަމަށް އެންމެ ގާބިލް ބަޔަކަށް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.