އީސްޓަން ޔޫރަޕްގެ ދެ ގައުމު ކަމަށްވާ ޗެކް ރިޕަބްލިކްގެ ޕްރާގާއި ރަޝިއާގެ މޮސްއޯ އިން ސ. ގަމަށް ޗާޓަރު ފްލައިޓްތަކެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މި ދަތުރުތައް އިންތިޒާމް ކުރަނީ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ އެގްޒިން އާއި ސްޕްލެންޑިޑް އޭޝިއާ ގުޅިގެންނެވެ.
ސްޕްލެންޑިޑްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އަހުމަދު އަބްރާރު ވިދާޅުވީ ޕްރާގުން ގަމަށް ޗާޓަރު ދަތުރުތައް ފަށާނީ މި މަހުގެ 30 ގައި ކަމަށެވެ. އެ ދަތުރުތައް އަންނަ އަހަރުގެ މޭ 8 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމައިފަ އެވެ.
އެގޮތުން ޑިސެމްބަރު މަހުގެ 30 އިން މޭ މަހުގެ 8 އަށް ދަތުރުތައް ބާއްވާ އިރު، ޖުމްލަ 16 ފްލައިޓް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އަބްރާރު ވިދާޅުވި ގޮތުގައި ބޭރުގެ ޓްރެވެލް އެޖެންސީތަކާ ގުޅިގެން މި ދަތުރުތައް ޕްރޮމޯޓް ކުރުމަށް ޔޫރަޕްގައި މިހާރު ދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.
ބަހްރެއިންގައި ޓްރާންސިޓްކޮށްފައި ޓްރެވަލް ސާވިސް އެއާލައިނުން ގަމަށް އަންނަ ޓޫރިސްޓުން ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އާއި ހެރަތެރަ އައިލެންޑް ރިސޯޓާއި ގަމުގެ އީކުއޭޓާ ވިލެޖުގައި ޗުއްޓީ ހޭދަ ކުރާނެ ކަމަށް އަބްރާރް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރާގުން އަންނަ ޓޫރިސްޓުންނަށް ހަތަރު ޕެކޭޖެއް ވެސް ހަމަޖައްސާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނީ ހަ ދުވަހާއި ނުވަ ދުވަހާ ދެމެދުގެ ޗުއްޓީ ޕެކެޖްތަކެވެ.
އަބްރާރު ވިދާޅުވީ މިފަދަ ކަމެއް ކުރަން ބޭނުންވި މައިގަނޑު ސަބަބަކީ އައްޑު އަށް އަންނަ ޓޫރިސްޓުން މިހާރު ޓްރާންސްޕޮޓޭޝަނަށް ބޮޑު ހަރަދެއް ކުރަން ޖެހޭތީ، ކުޑަ ހަރަދަކުން އާދެވޭނެ ގޮތްތަކެއް ހަމަޖައްސައި ދިނުން ކަމަށެވެ. އަދި މީގެ ސަބަބުން އައްޑޫ އިތުރަށް މާކެޓް ކުރެވި ޓޫރިސްޓުންގެ މެދުގައި މަގުބޫލް މަންޒިލަކަށް ވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރާގުން މި މަހުގެ 30 ވަނަ ދުވަހު ގަމަށް ދަތުރުކުރާ ފުރަތަމަ ފްލައިޓުން 70 ވަރަކަށް ޓޫރިސްޓުން އަންނަ އިރު، އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ހޫނު މަރުހަބާއެއް ވެސް ކިޔާނެ ކަމަށެވެ.
މޮސްކޯ އާއި ގަމާ ދެމެދު ޓްރާންސް އެއިރޯ އެއާލައިން ޗާޓަރުކޮށްގެން ބާއްވާ ސީދާ ދަތުރުތައް ފަށަން އޮތީ މޭ 2، 2014 ގަ އެވެ. އަދި އެ ދަތުރުތައް އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދާ ގޮތަށް ރާވައިފައިވެ އެވެ. އަދި ޑިމާންޑަށް ބަލާފައި ދާއިމީކޮށް މޮސްކޯ ދަތުރުތައް ކުރިއަށް ގެންދާ ގޮތަށް ވެސް ނިންމައިފަ އެވެ.