މަޝްހޫރު އެކްޓަރި ރިތިކް ރޯޝަން އާއި އަންހެނުންގެ 13 އަހަރުވީ ކައިވެނި ދާދި ފަހުން ރޫޅިގެން ދިއުމުގެ ފަހަތުގައި އެކްޓަރު އަރުޖުން ރާމްޕާލްގެ އަތެއްވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަށް ސުޒޭން ރައްދު ދީފި އެވެ.
ރިތިކް އާ ކައިވެނިކޮށް ދެ ދަރިން ވެސް ލިބިފައިވާ ސުޒޭން މިކަމަށް ރައްދު ދިނީ، ސީދާ އަރުޖުން ވެސް މިކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރެފައި ވަނިކޮށް ކަމަށެވެ.
އަރުޖުން ނެރުނު ބަޔާނުގައި ބުނަނީ ސުޒޭން އާއި ރިތިކަކީ ވެސް އޭނާ އާ ވަރަށް ގާތް ދެ މީހުން ކަމަށާއި އެ ދެ މީހުންގެ ކައިވެނި ރޫޅިގެން ދިއުމަކީ ހީ ވެސް ނުކުރާ ކަހަލަ ގޮތަކަށް ވެގެން ދިޔަ ކަމެއް ކަމަށެވެ. އަދި އެކަމާ ވަރަށް ހިތާމަ ކުރާ ކަމަށް ވެސް ކައިވެންޏެއްކޮށް ދެ ދަރިން ވެސް ތިބި އަރުޖުން ބުންޏެވެ.
އޭނާ ބުނީ ސުޒޭން އާއި ރިތިކް ކައިވެނި ރޫޅުމާ ގުޅޭ ގޮތުން މީޑިއާތަކުން ހަގީގަތެއް ނެތް ވާހަކަތަކެއްް ފަތުރަމުންދާ ކަމަށެވެ. އަދި އެކަން ހުއްޓާލައި، މީހުންގެ ޒާތީ ދިރިއުޅުމާ ނުބެހުމަށް އަރުޖުން ވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފަ އެވެ.
މި މޭރުމުން އަރުޖުން ވާހަކަ ދައްކާފައި ވަނިކޮށް، ސުޒޭން އިއްޔެ ބުނީ އޭނާގެ ކައިވެނި ރޫޅިގެން ދިއުމުގެ ޒިންމާ އެއްވެސް މީހެއްގެ ބޮލުގައި ނޭޅުވޭނެ ކަމަށެވެ.
"އަހަރަންގެ ކައިވެނި ރޫޅުމުގެ ޒިންމާ އެއްވެސް މީހެއްގެ ބޮލުގައެއް ނޭޅުވޭނެ. އަދި އެގޮތަށް އެ ވާހަކަ ދެއްކުމަކީ ވެސް ހިތާމަ ކުރަން ޖެހޭ ކަމެއް. އެއްވެސް މީހަކަށް ހައްގެއް ނޯންނާނެ، މީގެ ޒިންމާ ވަކި މީހެއްގެ ބޮލުގައި އެޅުވުމުގެ،" ސުޒޭން ބުންޏެވެ. "އަހަންނާއި އަރުޖުންއަކީ އަބަދުވެސް ވަރަށް ގާތް ދެ ރައްޓެހިން."
ސުޒޭން ބުނީ އޭނާގެ ކައިވެނި ރޫޅުނީ އެއީ މި ވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށްވާތީ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.
ސުޒޭން އާއި ރިތިކްގެ ކައިވެނި ކުރެވުނީ ޑިސެމްބަރު 20، 2000 ގަ އެވެ. އެ ކައިވެނި ރޫޅުނުކަން ރިތިކް ރަސްމީކޮށް އިއުލާން ކުރީ މިދިޔަ ހަފުތާގެ ހުކުރު ދުވަހު އެވެ.
އެ ކައިވެނި ރޫޅުނީ ކައިވެނީގައި މައްސަލަތަކެއް ޖެހުމުންދާ ކަމަށް މީޑިއާގައި ވެސް އެކި ގޮތްގޮތަށް އަޑު ފެތުރެމުންދާތާ ދުވަސްތަކެއް ފަހުންކަން ފާހަގަކޮށްލެވެ އެވެ.