ޑީއާރުޕީގެ ކަތުރުފަނި މާބޮޑުކޮށްވެސް އެމްޑީޕީގައި އަޅައިފިކަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޤަބޫލުކުރައްވަންޖެހޭ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވީ ޓެރަރިސްޓުން ހައްޔަރުކުރަން ކުއްލި ނުރައްކާ އިއުލާން ކުރުމަށް ގޮވާލާ އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު ހުށަހެޅުއްވި ގަރާރަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދެކޮޅު ހެއްދެވުމުން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން މަލީހު ވިދާޅުވީ ޑީއާރުޕީގެ ކަތުރުފަނި މާބޮޑުކޮށްވެސް އެމްޑީޕީގައި އަޅައިފިކަން ނަޝީދު ގަބޫލުކުރައްވަންޖެހޭ ކަމަށާއި އެމްޑީޕީގެ އެތެރެ ކޮއިލުގައި މިހާރު ގިނައީ އެހެން ފިކުރުގެ މީހުން ކަމަށެވެ.
"އެއީ އޮޕޯޗުނިސްޓުން. ދައްކަވަން ހުރިތަނެއް ދައްކަވާނެ. މާބޮޑަށް ލަސްވީ. ކުއީން ހޯއްދަވާ." މަލީހް ވިދާޅުވިއެވެ.
ޑީއާރުޕީގެ ކަތުރުފަނި މާބޮޑުކޮށްވެސް އެމްޑީޕީގައި އަޅައިފިކަން ރ.ނަޝީދު މިއަދު ޤަބޫލުކުރައްވަންޖެހޭ. އެމްޑީޕީގެ އެތެރެ ކޮއިލުގައި މިހާރުގިނައީ އެހެންފިކުރުގެ މީހުން. އެއީ އޮޕޯޗުނިސްޓުން. ދައްކަވަން ހުރިތަނެއް ދައްކަވާނެ. މާބޮޑަށް ލަސްވީ. ކުއީން ހޯއްދަވާ. https://t.co/GH9ih5xjDl https://t.co/HmyLN5IfMN
— Mohamed Maleeh Jamal (@maleehjamal) July 25, 2021
ނަޝީދު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް އާއި ޕްރޮސެކިއުޓަރ ޖެނެރަލް ދެއްވި މައުލޫމާތުގެ އަލީގައި، ސަރުކާރު އަމަލު ކުރަންވީ ގޮތް ކަމަށް އެމްޑީޕީން ދެކޭގޮތް ހާމަކުރާ ކަމަށެވެ. އެގޮތުން ކުއްލި ނުރައްކާ އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް އެމްޑީޕީން އިގުރާރުވާ ކަމަށް ނަޝީދުގެ އެ ގަރާރުގައި ބުނެފައިވެއެވެ. އެ ގަރާރު ވަނީ 39 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.
އެމްޑީޕީން މިފަދަ ގަރާރެއް ފާސްކުރިއިރު ގާނޫނު އަސާސީ ބުނާގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އެކަންޏެވެ. އެގޮތުން ރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އާޒިމް ވަނީ ގަރާރުން ކުއްލި ނުރައްކާ އިއުލާން ކުރުމުގެ ބައި އުނިކުރަން ވެސް ހުށަހަޅާފައެވެ. ނަމަވެސް އާޒިމްގެ އެ ހުށަހެޅުމަށް ވޯޓަށް އަހާފައެއް ނުވެއެވެ.