އިންޑިއާގެ އުއްތަރްޕްރަދޭޝްގައި ޖިންސުލައިގެން އުޅުމުގެ ސަބަބުން 17 އަހަރުގެ ނޭހާ ޕާސްވާން ނަމަކަށް ކިޔާ އަންހެން ކުއްޖަކު އޭނާގެ އާއިލާ މީހުން މަރާލައިފިއެވެ.
ނޭހާ މަރާލާފައިވަނީ ވަރަށް ރަހުމުކުޑަ ގޮތަކަށް ތަޅާ އަނިޔާކޮށްގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. ޑިއޯރިއާ ޑިސްޓްރިކްޓްގެ ސަވްރެޖީ ޚަރްގް ވިލެޖްގެ ގެއެއްގައި ދިރިއުޅުމުން ދިޔަ ނޭހާ މަރާލާފައިވަނީ އޭނާ ހެދުން އަޅާ ގޮތާއިމެދު ހިތްހަމަ ނުޖެހިގެން އާއިލާގެ މެދުގައި ހިނގި ޒުވާބަކަށް ފަހު ކާފައާއި ބޮޑުބޭބެމެން ވެގެން ދަނޑިން ތަޅާ ކަމަށް ނޭހާގެ މަންމަ ޝަކުންތަލާ ދޭވީ ބުނެފައިވެއެވެ.
ނޭހާ އެ ދުވަހު ހުރީ އެމީހުންގެ ދީނުގައި ހިފާ މުހިއްމު ރޯދައެއް ހިފައިގެން ކަމަށާއި އަޅުކަމަކަށް ދިޔައިރު ޖިންސަކާއި ޓޮޕެއް ލައިގެން ދިޔުމުން އޭނާގެ ކާފަ އެ ހެދުން ބަދަލު ކުރުމަށް ބުނި ކަމަށް ޝަކުންތަލާ ވަނީ ބުނެފައެވެ. ކާފަގެ ބުނުމަށް ނޭހާ ބުނެފައިވަނީ ޖިންސު އުފައްދާފައިވަނީ ލުމަށްކަމަށާއި އޭނާ ޖިންސުލާނެ ނޭހާ ބުނި ކަމަށް ވެސް އޭނާގެ މަންމަ ވަނީ ބުނެފައެވެ. އެހެން ނޭހާ ބުނުމުން ހިތްހަމަ ނުޖެހިގެން އޭނާގެ ކާފައާއި ބޮޑުބޭބެ ވަނީ އޭނާއަށް ހަމަލާދީފައެވެ.
އަނިޔާގެ ސަބަބުން ނޭހާ ހޭނެތުމުން އޭނާގެ ފިރިމީހާގެ އާއިލާއިން އޮޓޯރިކްޝާއަކަށް ގުޅައިގެން ނޭހާ ހޮސްޕިޓަލަށް ގެންދަނީކަމަށް ބުނެފައިވާ ކަމަށް ވެސް ޝަކުންތަލާ ވަނީބުނެފައެވެ. އެމީހުން އޭނާ ގޮވައިގެން ނުދާނެކަމަށް ބުނުމުން ޝަކުންތަލާ އޭނާގެ އާއިލާ މީހުންނަށް ގުޅާ ހޮސްޕިޓަލަށް ފޮނުވި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެ އާއިލާއިން ގޮސް ބެލުމުން އެމީހުން ހޮސްޕިޓަލުން ފެނިފައިނުވާ ކަމަށް ވެސް ޝަކުންތަލާ ވަނީ ބުނެފައެވެ. ޖެހިގެން އައި ދުވަހު ޚަބަރު ލިބުނީ ބްރިޖެއްގައި އަންހެން ކުއްޖަކު ދަންޖެހިފައި ހުއްޓާ ކަމަށާއި ބެލި ބެލުމުން އެއީ ނޭހާކަން އެނގުނު ކަމަށް ޝަކުންތަލާ ވަނީ ބުނެފައެވެ.
ޝަކުންތަލާ މައްސަލަ ހުށަހަޅައިގެން ޕޮލިހުން ވަނީ މައްސަލަ ތަހުގީގް ކުރަން ފަށާފައެވެ. އެ ގޮތުން އެ މައްސަލައާއި ގުޅިގެން 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ނޭހާގެ ކާފައާއި މާމަ، ބޮޑުބޭބެމެން އަދި އޮޓޯރިކްޝާ ޑްރައިވަރު ވެސް ހިމެނެއެވެ.
ނޭހާގެ މަރުގެ ޚަބަރު ލިބުމުން ނޭހާގެ ބައްޕަ އަމަރުނާތު ޕާސްވާން ވަނީ އޭނާ މަސައްކަތް ކުރަމުންދިޔަ އަވަށުން ގެއަށް އައިސްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނޭހާ ކިޔަވަން ދިޔުން ވެސް އެ އާއިލާމީހުންނަށް ކަމުނުދާ ކަމަށާއި އެފަދަ ހުރިހާ ކަމަކަމަށް އެ އާއިލާއިން ނޫން ބުނަމުންދާ ކަމަށް ޝަކުންތަލާ ބުނެފައިވެއެވެ.
އިންޑިއާގައި މިފަދަ ހާދިސާތައް ވަރަށް ގިނައިން ހިނގާކަމަށް ރިޕޯޓްތައް ބުނެއެވެ. އަންހެން ކުދިން ކިޔެވުމާއި ވަކި ގޮތަކަށް ހެދުން އެޅުމާއި މިތިބަ ކަންތައްތަކަކީ އާއިލާތަކުގައި ބޮޑެތި މައްސަލަތައް ކުރިމަތި ކުރުވާ ކަންތަކަށް ވަނީ ވެފައެވެ. މި ފަދަ ކަންތަކުގެ ސަބަބުން އެތައް އަންހެން ކުދިންނެއް ވަނީ ރަހުމުކުޑަކޮށް މަރާލެވިފައެވެ.