ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތް ކުރާ ފުލުހުންނާއި އައްޑޫ ސިޓީގައި ކުރިއަށްދާ އަފިރީންގެ އަމާން އައްޑޫ ސިޓީ އޮޕަރޭޝަންގައި މަސައްކަތް ކުރާ ސްޕެޝަލިސްޓް އޮޕަރޭޝަންސް ގެ ފުލުހުންނާއި ބައްދަލުކުރައްވައި އައްޑޫ އަމާން ތަނަކަށް ހެދުމަށް ގޮވާލައްވައިފި އެވެ.
މި ބައެްދަލުވުމުގައި ސީޕީ ދެއްކެވި ވާހަކަފުޅުގައި އައްޑޫ ސިޓީއަކީ އަމާން އޮމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް އައްޑޫގައި މަސައްކަތްކުރާ ފުލުހުން އައްޑޫ ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމަށްޓަކައި ކޮށްފައިވާ ބުރަ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި އެކަމަށްޓަކައި އައްޑޫ ސިޓީގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.
ފާއިތުވި ދުވަސްތަކަކީ ފުލުހުންނަށް ވަރަށް ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހި ފުލުހުންގެ ކަންތައްތައް އާރާސްތުކުރުމަށް ގިނަ ގޮންޖެހުންތަކަކާ ވެސް ކުރިމަތިވި ދުވަސްތަކެއްކަމަށާއި ފުލުހުން މަސައްކަތް ކުރަމުންދާ ދަތި އުނދަގޫ ކަންތައްތައް އެނގިވަޑައިގަންނަވާކަމަށް ފާހަގަ ކުރައްވައި މި އުނދަގޫތަކާއިއެކު ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތަކީ މިއަދު ފަޙްރުވެރިވެވަޑައިގަންނަވާ މަސައްކަތެއްކަމަށް ވިދާޅުވެ އެކަމަށްޓަކައި ހުރިހާ ފުލުހުންނަށް ސީޕީ ޝުކުރު އަދާ ކުރައްވާފައިވެ އެވެ.
އަދި އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން އައްޑޫ ސިޓީގައި ހިންގަން ފެށި "އަފިރީންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނާއި ގުޅިގެން މިއަދު އައްޑޫ ސިޓީ މިއޮތީ އަމާން މުޖުތަމަޢުއެއް ގޮތުގައިކަމަށާއި އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުންނަށާއި އެސްއޯ ފުލުހުން ގުޅިގެން މިހާރު އައްޑޫ ސިޓީ މި އޮތް އަމާންކަންމަތީ އަބަދަށް ބޭއްވުމަށް ހުރިހާ ފުލުހުން ވެސް މަސައްކަތްކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް ގޮވާލައްވާ އެއީ ހުިރހާ ފުލުހުންގެ ބޮލުގައި އެޅިިފައިވާ ބޮޑު ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞޯދިޤު މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފުލުހުންގެ ޚިދުމަތަކީ އަބަދުވެސް ރައްޔިތުން ބޭނުންވާނެ ޚިދުމަތެއްކަމަށާއި ރައްޔިތުންނަށް ރަގަނޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަށް އެދިލެއްވައި އަދި ފުލުހުންގެ ޚިދުމަތަކީ ނިމުމެއް އަންނާނެކަމެއް ނޫންކަން އަމިއްލަ ފުޅު ތަޖުރިބާ އިން މިސާލު ދައްކަވައި، މި ޚިދުމަތަކީ އަބަދުވެސް ތަރައްޤީކޮށް ރައްޔިތުން އެދޭފަދަ ޚިދުމަތަކަށް ހެދުމަށް މަސައްކަތް ކުރަން ޖެހޭ ޚިދުމަތެއް ކަމަށް ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ޑިވިޝަނަލް އޮޕަރޭޝަން ކޮމާންޑުގެ ހެޑް ޗީފް އެސް.ޕީ ޢަބްދުލް މަންނާނު ޔޫސުފް ދެއްކެވި ވާހަކަފުޅުގައި ޑިވިޝަނަލް އޮޕަރޭޝަން ކޮމާނޑުގެ ކަންތައްތައް އިތުރަށް ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ވިދާޅުވެ އެ މަސައްކަތްތަކާ ބެހޭގޮތުން އަލިއަޅުއްވާލައްވާ ވާހަކަފުޅު ދެއްކެވި އެވެ.
މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ ކޮމާންޑަރ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަސަން އާއި އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންނާއި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ އެސް.އޯ ފުލުހުން ބައިވެރިވި އެވެ.