Last Updated: April 11, 18:01
Saturday, April 12, 2025
ޚަބަރު

އަމިއްލަ ރާގަށް މިއުޒިކު އުފައްދަން ފަންނާނުންނަށް ހިތްވަރުދޭންޖެހޭ: ޔުމްނާ

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން

އަމިއްލަ ރާގަށް މިއުޒިކް އުފައްދަން މީޑިޔާތަކުން ފަންނާނުންނަށް ހިތްވަރު ދިނުން މުހިއްމު ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވެފައިމިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ މީޑިއާއަކުން ކޮޕީ ރާގެއްގެ ލަވައެއް ތައްޔާރުކޮށްފައިވާތީ ދިވެހި ބައެއް މިއުޒީޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމީ އެކިއެކި މުނާސަބަތުތަކާއި ގުޅިގެން އުފައްދާ ފަންނުވެރި އުފެއްދުންތަކަކީ ދިވެހިވަންތަ، ދިވެހީންގެ އަމިއްލަ އުފެއްދުންތަކަކަށް ހެދުން މުހިއްމު ކަމަށެވެ. އަދި ދިވެހި ފަންނާނުންނަކީ ހުނަރުވެރި، ކުޅަދާނަ ބައެއް ކަމަށާއި ދިވެހިވަންތަ އުފެއްދުންތައް ކުރިއެރުވުގައި މީޑިއާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

އެގޮތުން ދިވެހި މިއުޒިކު ކުރިއެރުވުމަށްޓަކައި، ބޭރު ރާގުތަކާއި މިއުޒިކު ކޮޕީ ކުުރުމުގެ ބަދަލުގައި އަމިއްލަ ރާގުތަކާއި މިއުޒިކު އުފެއްދުމަށް މީޑިޔާތަކުން ފަންނާނުންނަށް ހިތްވަރު ދިނުން މުހިއްމު ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

އަމިއްލަ ރާގުތައް ކުރިއެރުވުމަށް ދިވެހި މިއުޒީޝަނުންނާއި ރެކޯޑު ލޭބަލްސްތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރާކަން ފާހަގަކޮށްލެވެއެވެ.