އަންނަ އަހަރު ދިރާސީ އާ އަހަރު ފެށޭ އިރު، މަރަދޫ އަމާން ޕްރީ ސްކޫލް އާ ވަސީލަތްތަކަކާ އެކު އެެހެން އިމާރާތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އަމާން ޕްރީ ސްކޫލް ބަދަލު ކުރަން ނިންމާފައި ވަނީ މަރަދޫ ރަށު އޮފިސް ހިންގި އިމާރާތަށެވެ. މި އިމާރާތުގައި ޕްރީ ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އައްޑޫ ސިޓީ ކައުންސިލުން ކުރިން ވެސް ވަނީ ފުރުސަތު ހުޅުވާލައި އެވެ.
އެހެންވެ އަމާން ޕްރީ ސްކޫލް އެ އިމާރާތަށް ބަދަލު ކުރަން ނިންމުމާ ގުޅިގެން އެތަނަށް ބޭނުންވާ މަރާމާތާއި އެހެން މަސައްކަތްތައް މިހާރު ވަނީ ފަށައިފަ އެވެ.
އެގޮތުން އިމާރާތުގައި ކުލަ ލުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
މަރަދޫ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) މިއަދު ވިދާޅުވީ ޕްރީ ސްކޫލް، އާ އިމާރާތަކަށް ބަދަލުވާ އިރު، އެތަނުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކުލާހެއް ވެސް އަންނަ އަހަރު ހިންގާނެ ކަމަށެވެ.
މި އިމާރާތް ކައުންސިލުން އަމާން ޕްރީ ސްކޫލް ހިންގަން ދިނީ މަހަކު 1،200ރ. ގެ ކުއްޔަކަށެވެ.
އަދި އަމާން ޕްރީ ސްކޫލަކީ އޭސީކޮށް، ކުދިންނާ ވަރަށް ބޮޑަށް ރައްޓެހި މާ ހައުލަކަށް ފައްތައިގެން އަންނަ އަހަރުން ފެށިގެން ކިޔަވައި ދޭން ފަށާނެ ޕްރީ ސްކޫލެއް ކަމަށް ޓޮމް ވިދާޅުވި އެވެ.
އަމާން ޕްރީ ސްކޫލްގެ މެނޭޖްމަންޓުން ބުނީ އެ ސްކޫލްގައި އަންނަ އަހަރު 160 ވަރަަކަށް ދަރިވަރުން ކިޔަވާނެ ކަމަށެވެ.