Last Updated: November 22, 14:02
Friday, November 22, 2024
ޚަބަރު

ޔާމީނާއި ބެހޭގޮތުން ރޮޒެއިނާ ދެއްކެވި ވާހަކަތައް ކުށްވެރިކުރަން: ޝަހީމް

ރައީސް ޔާމީނަކީ އައިސިސް ދިދަ ނަގައިގެން މުޒާހަރާ ކުރުވި މީހެއް ކަމަށް ރޮޒެއިނާ ވިދާޅުވުމުން އެކަމާނާގެ އެ ވާހަކަ ކުށްވެރި ކުރައްވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިކަމަށް އިޝާރާތް ކުރައްވާ ޝަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިސްލާމްދީނުގެ ރީތި ތަޞައްވުރާއި ތަހުޒީބު ވިސްނުމުގެ މައްޗަށް އިޖުތިމާޢީ ވެށި ބިނާކުރަން ރ ޔާމީން ވަރަށް މަސައްކަތްކުރެއްވި ކަމަށެވެ.

"ޢިއްޒަތްތެރި މެމްބަރު ރޮޒޭނާ އާދަމްގެ ވާހަކަފުޅު ކުށްވެރިކުރަން." ޝަހީމް ވިދާޅުވިއެވެ.

"އިސްލާމްދީނުގެ ރީތި ތަޞައްވުރާއި ތަހުޒީބު ވިސްނުމުގެ މައްޗަށް އިޖުތިމާޢީ ވެށި ބިނާކުރަން ރ ޔާމީން ވަރަށް މަސައްކަތްކުރެއްވި. ވީމާ އެއްވެސް މީހަކު ދެކެ ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވިޔަސް ދޮގުވާހަކަތައް ދައްކައި ނަފްރަތު އުފެއްދުމަކީ ބަލައިގަނެވޭނެ ވާހަކައެއްނޫން." ޝަހީމް ވިދާޅުވިއެވެ.

އެއްވެސް މީހަކު ދެކެ ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވިޔަސް ދޮގުވާހަކަތައް ދައްކައި ނަފްރަތު އުފެއްދުމަކީ ބަލައިގަނެވޭނެ ވާހަކައެއްނޫން ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

އަދި މީގެ އިތުރުން ރައީސް ޔާމީނާއި ބެހޭ ގޮތުން ޝަހީމް ވިދާޅުވި ވާހަކަތަކުގެ ތެރޭގައި ހަރުކަށި ވިސްނުންތަކުން ޒުވާން ޖީލު ސަލާމަތްކުރެއްވުމަށް ވަރަށް ގިނަ ގުނަ ހަރުދަނާ މަސައްކަތްތަކެއް އެމަނިކުފާނު ކުރެއްވިކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

"ރ ޔާމީންގެ ކެބިނެޓްގައި މަސައްކަތްކުރި އި. މިނިސްޓަރ، އަދި އެމަނިކުފާނު އުފެއްދެވި އިސްލާމިކް ޔުނިވަރސިޓީ ހިންގި ވެރިއެއްގެ ޙައިސިއްޔަތުން ދަންނަވާނީ ހަރުކަށި ވިސްނުންތަކުން ޒުވާން ޖީލު ސަލާމަތްކުރެއްވުމަށް ވަރަށް ގިނަ ގުނަ ހަރުދަނާ މަސައްކަތްތަކެއް އެމަނިކުފާނު ކުރެއްވިކަން." ޝަހީމް ވިދާޅުވިއެވެ.

ސަންގުޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ރައީސް ޔާމީނަކީ އައިސިސް ދިދަނަގައިން މުޒާހަރާކުރިއިރު އެކަން ދައްކުވަން ހުރި މީހެއް ކަމަށް ވިދާޅުވެފައެވެ މިހެން އެ ކަމަނާ ވިދާޅުވީ ރައީސް ނަޝީދު ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްކުރުމަށް ރައީސް ޔާމީންއާއި އެކުގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީން އާއި އެކު ހަރުކަށި ފިކުރާއި ދެކޮޅަށް ރައީސް ނަޝީދު ކުރައްވަން އޮންނާނީ ކޮންކަމެއްތޯ އައްސަވާ ރޮޒައިނާ ވަނީ ސުވާލު އުފައްދާފައެވެ. މިކަހަލަ ވާހަކަތައް ހިތަށްއެރުމުން އެކަންކަމާއި ދެކޮޅަށް އެއްޗެހިބުނެވޭ ކަމަށާއި، މިކަންކަން ކުރެވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.