ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން ހިންގުނު ތަހްގީގާއި އެކަމުގައި ޝާމިލްވާ މީހުނަށް ކުރާ ދައުވާއާ ގުޅޭ ގޮތުން އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިއަދު ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވީ މިދިޔަ މެއި ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ނިންމާފައިވާ ނިންމުންތަކުގެ ތަފްސީލް ހާމަކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުން އޮންނާނީ މާދަމާ މެންދުރު ފަހު 14.00 ގައި ކަމަށް އޭނާ ވިދާޅުވި އެވެ.
We have made several prosecution decisions re 6 May Attacks and @PGO_MV will hold a press conference tomorrow afternoon at 2 PM to explain these decisions and more details of the case.
— Hussain Shameem (@HuShameem) August 2, 2021
ޕީޖީ ޝަމީމާއި ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި މައުލޫމާތައް ފަހު ރައީސް ނަޝީދު ވަނީ ހައްދުފަހަނައަޅާފައިވާ މީހުން ހައްޔަރުކުރުމަށް ކުއްލި ނުރައްކަލު ހާލަތު އިއުލާން ކުރުމަށް ގޮވާލާ އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށައަޅުއްވާފައި އެވެ. އަދި މަދު ބަޔަކާއެކު އެ ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް ސަރުކާރުން އެކަމާ ގުޅޭ ގޮތުން މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ.
ނަޝީދު އަވަހާރަކޮށްލަން ބާރުގަދަ ބޮމެއް ގޮއްވާލި މައްސަލައިގައި ތުހުމަތުކުރެވޭ 10 މީހަކު ބަންދުގައި އެބަތިވި ކަމަށް ފުލުހުންނާއި ޕްރޮސިއުޓާ ޖެނެރަލް ވަނީ ހަމާކުރައްވާފައި އެވެ.
އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެއީ، ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި އަހުމަދު އަދުހަމް އާއި މުޖާޒް އަހްމަދުގެ އިތުރުން ތަހުމީން އަހްމަދު، 32، އާއި އަހުމަދު ފާތިހު، 23، އެވެ.
މީގެތެރެއިން މުޖާޒާއި ތަހުމީނު އަދި އަދުހަމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.