ބޮލީވުޑްގެ އެކްޓަރު ގޯވިންދާ އަށް ވަރަށް އުފާވެރި އުފަން ދުވަހުގެ ތަހުނިޔާ އެވެ.
މިއަދަކީ އޭނާގެ 50 ވަނަ އުފަން ދުވަހެވެ. ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެ، ގިނަ އެވޯޑްތަކެއް ވެސް ހާސިލްކޮށްފައިވާ ގޯވިންދާއަކީ ވަރަށް ކުޅަދާނަ ނެށުންތެރިއެއް ވެސް މެ އެވެ.
އޭނާ ފުރަތަމަ ބޮލީވުޑަށް ނިކުތީ 1986 ވަނަ އަހަރު ރިލީޒްވި "އިލްޒާމް" އިންނެވެ. އޭގެ ފަހުން ވަރަށް ފާހަގަކޮށްލެވޭ ތަފާތު ވައްތަރުގެ ރޯލްތަކުން ގޯވިންދާ ފެނިގެން ގޮސްފައިވެ އެވެ.
ގޯވިންދާ އާއި ނީލަމަކީ 1980 ގެ އަހަރުތަލުގައި ވަރަށް ވިދާލި ޖޯޑެކެވެ. އެ ދެ ތަރިން އެކުގައި ކުޅުނު "ލަވް 86" އަށް ފަހު، ކާމިޔާބް ވަރަށް ގިނަ ފިލްމްތަކެއް އެކުގައި ކުޅެފައިވެ އެވެ.
މީގެ އިތުރުން ކަރިޝްމާ ކަޕޫރާއި ގޯވިންދާގެ ޖޯޑަކީ ވެސް 1990 ގެ އަހަރުތަކުގެ ތެރޭގައި، ބެލުންތެރިން ވަރަށް ގަޔާވި ޖޯޑެކެވެ.
ސުނީތާ އާ 1987 ގައި ކައިވެނިކޮށް ގޯވިންދާ އަށް ދެ ކުދިން ވެސް ލިބިފައިވެ އެވެ. އެއީ ނަމްރަތާ އާއި ޔާޝްވަރުދާނެވެ.
ފިލްމީ ކެރިއަރުގެ އިތުރުން ދުވަސްތަކެއް ވަންދެން ގޯވިންދާ ވަނީ ސިޔާސީ ދާއިރާގައި ވެސް ހަރަކާތްތެރިވެފަ އެވެ.
އެގޮތުން ކޮންގްރެސްޕާޓީގެ މެމްބަރެއްގެ ގޮތުން އިންޑިއާގެ ގާނޫނޫ ހަދާ މަޖިލިސް ލޯކް ސަބާގައި ދުވަސްތަކެއް ވަންދެން އޭނާ އުޅުނެވެ.
އެހެން ނަމަވެސް އެ ދުވަސްތަކަކީ ގޯވިންދާ އަށް ވަރަށް ގިނަ ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ދުވަސްވަރެކެވެ.
މިހާތަނަށް 200 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ، ގޯވިންދާ މިހާރު ވެސް އަންނަނީ އިތުރު ފިލްމްތަކެއްގައި މަސައްކަތް ކުރަމުންނެވެ.
އޭގެ ތެރޭގައި ރަންބީރު ކަޕޫރާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅޭ "ޖައްގާ ޖާސޫސް" އާއި ރަންވީރު ސިންގާއި ޕަރިނީތީ ޗޯޕްޅާ ލީޑް ރޯލް ކުޅޭ "ކިލް ދިލް" އަދި ސައިފް އަލީ ހާނާއި އިލިއާނާ ޑި ކްރޫޒްގެ "ހެޕީ އެންޑިން" ފަދަ ފިލްމްތައް ހިމެނެ އެވެ.