އައްޑޫ ސިޓީ ފޭދޫ ހިއްކުމުގެ މަޝްރޫއަށް ގެނައި ހިލަތަކުގެ ތެރެއިން ބާކީ ހުރި ހިލަތައް އެ ސިޓީގައި އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑަމީ އަށް ގެންދާތީ އިއްޔެ ފޭދޫ އިން ބަޔަކު ވަނީ އިހްތިޖާޖުކޮށް އަޑު އުފުލާފައި އެވެ.
އެހެން ނަމަވެސް އައްޑޫ ލައިވްއަށް އެނގިފައިވާ ގޮތުގައި އެ ހިލަ ތަކަކީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔަ ކުންފުނީގެ އަމިއްލަ އެއްޗެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ފޭދޫގެ ބިން ހިއްކުމުގެ މަޝްރޫއުގައި ބޭރު ތޮށިލުމަށް ގެނައި ހިލަ ތަކުގެ ތެރެއިން ބާކީވި ހިލަ ހުރީ ފޭދޫ ހިއްކި ސަރަހައްދުގައި ބަހައްޓާފައި އެވެ. އެހާ ދުވަސްވަންދެން އެ ހިލަތައް އެތަނުގައި ހުރި ނަމަވެސް އެ ކުންފުނިން ވަނީ ބިމުގެ ކުލިވެސް ދައްކާފައި އެވެ
އެހެން ނަމަވެސް އިއްުޔެ ފޭދޫން ބަޔަކު އިހްތިޖާުޖުކުރީ އެ ހިލަތައް ގެންދަން އުޅުމުން އެކަމާ ދެކޮޅަށެވެ. އަދި އެ ސަރަހައްދަށް އެ ވަގުތު ވަޑައިގެންނެވި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ އިސްތިއުފާއަށް ގޮވާ ހަޑި ހުތުރުބަސްތައް ގޮވާ ހެދި އެވެ. ކަމުގެ ހަގީގަތް ސާފުކޮށްދޭން ނިޒާރު މަސައްކަތްކުރި ނަމަވެސް އެ ފުރުސަތު ނުދީ އޭނާއަށް ހަމަލާދޭން ބައިވެރިން މަސައްކަތްކުރި އެވެ.
އެ ހިލަތަކާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި އެ ހިލަތަކަކީ ފޭދޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދިޔަ ކުންފުނީގެ އެއްޗެއްކަމަށް ބުނެފައިވެ އެވެ.

އެ ހިލަތަކަކީ ހައުސިން މިނިސްޓްރީން ފައިސާ ދައްކާފައިވާ ތަކެތި ކަމަށް ނުވާއިރު ބާކީ ހުރި ހިލަ ގެންދަން ބޭނުންވާކަން އެ މަޝްރޫއު ހިންގި ކުންފުނިން މިނިސްޓްރީއަށް އެެންގި ކަަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އެހެންވެ އެ ހިލަތައް ނެގުމަށް އެ ފަރާތައް ކައުންސިލުންވެސް އެއްބާރުލުން ދިނުމަށް އޭރު މިނިސްޓްރީން އެދިފައި އޮތެވެ.
އެ ހިލަތައް ޕޮލިސް އެކެޑަމީ އިމާރާތްކުރާ ތަނަށް ގެންދަނީ އެ ދެ ފަރާތުގެ ވެފައިވާ އެއްބަސްވުމުގެއް ދަށުންނެވެ. އެކަމުގައި އައްޑޫ ސިޓީ ކައުންސިލްގެ އެއްވެސް ދައުރެއް ނެތްކަން ވަނީ އެނގިފައި އެވެ.