އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފާރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިންތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ހިތަދޫ މެޖިުސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވާ ވަގުތީ އަމުރާ މެދު ކައުންސިލުން ޖަވާބު ދާރީވާން ފަސް ދުވަސް ދީފި އެވެ.
ހޮސްޕިޓަލް ކައިރިން އާއްމުން ދިރިއުޅެން ދޫކޮށްފައިވާ ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާތީ އެ މައްްސަލަ ކޯޓަށް ހުށައެޅީ އަމިއްްލަ ފަރާތަކުންނެވެ. މި މައްސަލައިގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި އައްޑޫ ސިޓީ ކައުންސިލުންވަނީ މައްސަލަ ހުށައެޅި ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރާއި މުޅި މައްސަލައަށް ޖަވާބު ދާރީވާން އިތުރު ވަގުތު ދިނުމަށް އެދިފައި އެވެ.
އެހެންވެ ކޯޓުން ނިންމީ ކައުންސިލުން އެދުނު ގޮތައް ވަގުތީ އަމުރަށް ޖަވާބު ދާރީވާން ފަސް ދުވަސް އަދި މައްސަލައަށް ޖަވާބު ދާރީވާން 10 ދުވަސް ސިޓީ ކައުންސިލަށް ދިނުމަށެވެ.
ވަގުތީ އަމުރާ މެދު ގޮތެއް ނިންމަން މި މަހުގެ 11 ވަނަ ދުވަހު ޝަރީއަތުގެ މަޖިލީހެއް ބާއްްވަން ގާޒީ މިއަދު ނިމެވިއެވެ. އަދި މި މަހުގެ 17ގެ ކުރިން މުޅި މައްސަލަގައި މައުޞޫއީ ގޮތުން ޖަވާބު ދޭން ކައުންސިލަށް ފުރުސަތު ދިނެވެ. އޭގެ ފަހުން އިތުރު އަޑުއެހުމެއްް މި މަހުގެ 24 ވަނަ ދުވަހު އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ހަސަން ރިޔާޒް ހުށައެޅި އެ މައްސަލައިގައި ބުނެފައިވަނީ ބިން ބަދަލު ކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަކީ އެ މައްސަލަ ރައްދުވާ ސިޓީ ކައުންސިލާއި އެ މައްސަލަ ހުށައެޅި ގޯތީގެ ވެރިފަރާތުގެ މަސްލަހައް އެންމެ ރަނގަޅު ގޮތެއް ކަމަށެވެ.
އޭގެ އިތުރުން ކައުންސިލުން ގޯތި ބަދަލު ކުރަން ނިންމި ނިންމުން މުޖާރާ ކޮށްދިނުމަށް ހުށައަޅާފައިވަނިކޮށް އެ ފުރުސަތު ދީފައިނުވާ ކަަމަށް މައްސަލަގައި ބުނެފައިވެ އެވެ. އަދި އެ ފުރުސަތު ދިނުމަށް ނެތި ސަރުކާރު ބަންދު ދުވަސްތަކުގައި ކައުންސިލް އިދާރާގެ އޮފީސް ހުޅުވައިގެން އިދާރާ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަކީ އިސް ފަސްކުރުން ކަމަށް ބުނެފައިވެ އެވެ. އަދި ގޯތީގެ ވެރިފަރާތުގެ ބަހެއް ހޯދުމެއް ގޯތި ބަދަލު ކުރުމުގެ މަސައްކަތް ކުރަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ.
މި މައްސަލައިގެ އަޑު އެހުންތައް މިއަދު ބޭއްވި ދެ ފަރާތުންވެސް ކޯޓަށް ހާޒިރުވެގެން ކަމަށްވިއަސް ދެން އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ދެ ފަރާތުންވެސް ބޭނުންވާތީ އެގޮތައް ކުރިއަށް ގެންދަން ގާޒީ ވަނީ ނިންމަވާފައި އެވެ.