ދޫނިދޫގައި ބަންދުކޮށްފައި ހުރިއިރު ބޭސްފަރުވާގެ ކަންކަން ގޯސްވެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިކަމަށް، މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ އުފުލާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރި ރެޕް އާޓިސްޓް އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓު) ބުނެފިއެވެ.
ޕެސްޓު މިފަދައިން ބުނެފައިވަނީ އޭނާ ބަންދުކޮށްފައި ހުރި މައްސަލައިގައި ބަންދު މުރާޖާ ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަމުންނެވެ. މި އަޑުއެހުމުގައި ޕެސްޓުގެ އިތުރުން މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރި މުހައްމަދު ސުއައިދުގެ ބަންދާމެދު ވާހަކަދައްކާފައިވެއެވެ.
ޕެސްޓު އަދި ސުއައިދުގެ ބަންދާ ގުޅޭގޮތުން ދައުލަތުން ބުނެފައިވަނީ އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރި ސަބަބު ދެމި އޮތްކަމަށާއި އެމީހުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވާނެކަމަށެވެ.
އެހެންނަމަވެސް ޕެސްޓުގެ ޤާނޫނީ ވަކީލް އަހުމަދު ޔާމީން ވަނީ ދައުލަތުން ފާހަގަކޮށްފައިވާ ޤާނޫނީ ނުކުތާތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވާ ޝަރީއަތް ނިމެންދެން ބަންދުގައި އިތުރަށް ބެހެއްޓޭނެ ގޮތެއް ނެތްކަމަށް ވިދާޅުވެފައެވެ. ވަކީލް ޔާމީން ފާހަގަކުރެއްވި ނުކުތާތަށް ސުއައިދުގެ ވަކީލުންވެސް ފާހަގަކުރައްވާ ތާއީދުކުރެއްވިއެވެ.
މީގެއިތުރުން ޕެސްޓު އަދި ސުއައިދުގެ ބޭސްފަރުވާގެ ކަންކަމާ ގުޅޭގޮތުން ސުވާލުކުރުމުން ދައުލަތުން ވަނީ އެ ދެމީހުންގެ ފަރާތުންވެސް ބޭސްފަރުވާގެ ކަންކަމުގައި ޝަކުވާއެއް ކަރެކްޝަނަލް ސާވިސްއަށް ލިބިފައިނުވާކަމަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް ޕެސްޓުގެ ވަކީލްވަނީ ޝަރީއަތުން އަމުރުކުރި ގޮތާ ހިލާފަށް ގިނަ ދުވަސްތަކެއް ވަންދެން ދޫނިދޫ ޖަލުގައި ބަހައްޓާފައިހުރުމުން ހިނގާދިޔަ ކަންކަމާ ގުޅިގެން ޕެސްޓް ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކޮށްފައިވާކަން ފާހަގަކޮށްފައެވެ. އަދި އެކަމާ ގުޅިގެން ހޯމް މިނިސްޓްރީގެ ފަރާތުން ޕެސްޓުއާ ބައްދަލުކުރި ކަންވެސް ވަކީލް ފާހަގަކުރެއްވިއެވެ. އަދި މާލޭ ޖަލަށް ޕެސްޓު މިހާރު ބަދަލުކޮށްފައި ހުރިނަމަވެސް އެކަން ކުރީ މީގެ ހައެއްކަ ދުވަސް ކުރިންކަން ފާހަގަކުރެއްވިއެވެ.
އެކަމާ ގުޅޭގޮތުން މައްސަލަ ބައްލަވާ ގާޒީ ޕެސްޓުއާ ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ ދޫނިދޫގައި ހުރިއިރު އެތަނުގައި ބޭސްފަރުވާގެ ކަންކަން ގޯސްވެ ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިކަމަށެވެ. އަދި ދޫނިދޫގައި ތިބޭއިރު ބޭސްފަރުވާގެ ކަންކަން ގޯސްވެ އިތުރު މީހުންވެސް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިކަން ފާހަގަކުރިއެވެ. މިއަދުގެ އަޑުއެހުމުގައި ސުއައިދު އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.
މިއަދުގެ ބަންދު މުރާޖާ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެފަރާތުން ދެއްކި ވާހަކަތަކާއި ގުޅިގެން ބައެއް ކަންކަން ދިރާސާކުރަން ހުރި ކަމަށާއި، ދެން އަންނަ އަޑުއެހުމެއްގައި ބަންދު މުރާޖާއާ ގުޅޭގޮތުން ގޮތެއް ނިންމާނެކަމަށެވެ. އަދި މި މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނީ އޮގަސްޓް 18 ގައި ކަމަށެވެ.