މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ އާއި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޟާގެ މައްޗަށް އުފުލައިފި އެވެ.
އޭނާގެ މައްޗަށް މި ދައުވާކުރީ ބ.ބޮޑުފިނޮޅުގައި ބިދޭސީން ލައްވާ ގާނޫނާ ހިލާފަށް މަސައްކަތްކުރި މައްސަލައާ ގުޅިގެންނެވެ. ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ރިޞާގެ މައްޗަށް އުފުލީ މި މައްސަލައިގެ ތަޙުޤީޤަށް ކޯޓު އަމުރެއްގެ ދަށުން އާރް.އައި.އެކްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ބަލައިފާސްކުރުމަށް ފުލުހުން ކުރި މަސައްކަތަށް އޭނާ ހުރަސްއަޅާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެކަނި ސާބިތު ވިއަސް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ. އޭނާގެ މައްޗަށް މި ދައުވާ ސާބިތުވެ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުން ނަމަ އޭނާ އަދާކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވާނެ އެވެ.
(މި ދައުވާ އުފުލި ސަބަބަކީ) "2015 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން އާރ.އައި.އެކްސް ކުންފުނީގެ ސްޕޮންސަރޝިޕްގެ ދަށުން އެކި މަސައްކަތްތަކަށް ރާއްޖެ ގެނެސްފައިވާ ބިދޭސީން ލައްވައި މަސައްކަތް ކުރުވުމަށްފަހު މުސާރަނުދީ، ބިރުދައްކައި، ޤާނޫނާ ޚިލާފު މަޖުބޫރުކަމެއް ކުރިމަތިކުރުވައި، އެމީހުން އެކްސްޕްލޮއިޓްކޮށް، އެމީހުން ޓްރެފިކްކޮށްފައިވާތީ،" ޕީޖީ އޮފީހުގެ މީޑިޔާ އޮފިޝަލް ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ވިދާޅުވި އެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ ބ. އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްތަކާ އާރް.އައި.އެކްސް ޕްރައިވެޓް ލިމިޓެޑުން ހަވާލުވެ، އެމަސައްކަތް ކުރުމަށް މީހުން ޓްރެފިކްކުރުން ކަމަށް ތުޙުމަތުކުރެވޭ ގޮތަށް ގަވާއިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ބިދޭސީން އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ.
އަދި އަދި ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރީން ރާއްޖޭގެ ރަށްތަކުން ހޯދައި އެ ބިދޭސީން އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަގޮތުގައި ހިފާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައި އެވެ.
މަޖުބޫރު ކޮށްގެން ބޮޑުފިނޮޅުގައި ޤާނޫނާ ޚިލާފަށް ބިދޭސިންތަކެއް ގެންގުޅޭކަން ފުލުހުންގެ ސަމާލުކަމަށް އައީ އެ ބިދޭސީން ތެރެއިން ބަޔަކު އެރަށުގައި ހުރިތަކެއްޗަށް ގެއްލުންދީ އެރަށުގައި ތިބި ދިވެހިންތަކެއް ރަހީނުކުރި ހިސާބުންނެވެ. އަދި ފުލުހުން އެރަށަށް ގޮސް އެ ބިދޭސީން ހައްޔަރުކޮށް އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި އެވެ. މުއްދަތުގެ މަޖިލީހުގައިވެސް އޭގެ ތެރެއިން ބައެއް ބިދޭސީން ވަނީ އެމީހުންނަށް މުސާރަ ނުދީ ގިނަ މަސްތަކެއްވެއްޖެ ކަމަށް ބުނެފައި އެވެ. އަދި އެމީހުންގެ ވަކީލުންވެސް އެކަން މީޑިޔާގެ ސަމާލުކަމަށްވެސް ގެނެ އެވެ.
" ޕީޖީ އޮފީހުން މިއަދު ބުނީ ބިދޭސީ މަސައްކަތްތެރީންނަށް މުސާރައާއި އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވައި، އޭގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި، ވަޒީފާއިން ވަކިކޮށް، ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް ބިދޭސީންނަށް މަޖުބޫރުކޮށް، އެފަރާތްތަކުގެ މައްޗަށް އެކްސްޕްލޮއިޓޭޝަންގެ ޢަމަލުތަކެއް ހިންގައި މީހުން ޓްރެފިކްކުރުމަށް މަގުފަހިވާގޮތަށް ޢަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި މަސައްކަތްތެރީންގެ ޙައްޤުތަކާއި ގުޅުންހުރި އެހެން ފީއާއި ފައިސާ ނުދައްކައި މަސައްކަތްތެރީންގެ ޙައްޤުތައް ނިގުޅައިގަނެފައިވާ" ކަމަށެވެ.
ރިޟާގެ އިތުރުން މީހުން ޓްރެފިކްކުރުމުގެ ކުށުގެ ޢަމަލުތަކުގައި އޭނާއާ ބައިވެރިވި ކަމުގެ ކުށުގައި ދެ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައި އެވެ. އެއީނ. މާފަރު، ބްލާސަމްގެ، ޙަސަން ޢުމަރު އަދި ށ. މިލަންދޫ، ރެޑްރޯސް. ނަޞްރުﷲ އުޘްމާންގެ މައްޗަށެވެ. މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ މި ދައުވާ ސާބިތުވެއްޖެ ނަމަ އެމީހުންގެ މައްޗަށް އަންނާނީ 7 އަހަރު ޖަލު ހުކުމެވެ.
ރިޒާގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު ދަށުން ކޮށްފައިވާ މި ދައުވާ ސާބިތުވެއްޖެ ނަމަ ރިޟާ އަދާކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވާނީ ޝަރުއީ އެންމެ ފަހު މަރުހަލާ ނިމުމަށްފަހު އެވެ. މިއީ މިހާރު ހިނގަމުންދާ ދައުރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް އުފުލާފައިވާ ފުރަތަމަ ޖިނާއީ ދައުވާ އެވެ. މި ދައުވާ ކޯޓަށް ހުށައެޅީ މިދިޔަ އިއްޔެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ބުންޏެވެ.