ކުށްވެރިންގެ ފައިގައި އެޅުވުމަށް ބޭނުން ކުރާ "މޮނިކޮން ޓެގް" ނެތޭ ބުނުމަކީ ހިނި އަންނަ ވަރުގެ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ކުށްވެރިންގެ ފައިގައި އެޅުވުމަށް ބޭނުން ކުރާ ޓެގް ހުސްވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުން ދާދިފަހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުން ގެންދާ ގޮތް ބެލުމަށް އެމްޑީޕީން އުފައްދާފައިވާ "މޭ ހައެއް" ކޮމިޓީ އަށް މައުލޫމާތު ދެމުން ވިދާޅުވެފައެވެ.
ޓެގް ހުސްވެފައިވީ ނަމަވެސް މޮނިކޮން އަމުރު ނެރެފައިވާ ފަރާތްތައް މޮނީޓާ ކުރަމުންދާ ކަމަށާއި ޓެގް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ކޮމިޓީ އަށް މައުލޫމާތު ދެމުން ބުނެފައެވެ.
މިކަމާ ގުޅިގެން ރޭ "ދިވެހި ޗެނަލް" އިން ގެނެސްދިން ޕްރޮގްރާމެއްގައި އުމަރު ވިދާޅުވީ އޭނާ ހޯމް މިނިސްޓަރު ކަމުން ވަކިވީ ވަސީލަތްތައް ގާއިމުކޮށްފައި ކަމަށާއި ޓެގާއި، ޖޭމަރު ވެސް އެތަނުގައި ހުންނާނެ ކަމަށެވެ. އަދި އެ ތަކެތި ނެތް ކަމަށްވާނަމަ އެ ބޭފުޅުން އެ ތަކެތި ވިއްކާލީ ކަމަށާއި އޭނާ ވަޒީރުކަމުން އިސްތިއުފާ ދީފައި ނިކުތީ އެ ވަސީލަތްތައް ގާއިމުކޮށްފައި ކަމަށް އުމަރު ވިދާޅުވިއެވެ.
"މިއަދު ޓެގެއް ނެތޭ ބުނީމަ އެއީ ހިނި އަންނަ ކަމެއް އެކަމަކީ" އުމަރު ވިދާޅުވިއެވެ.
އަދި ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން ފެށުމުން އެމްޑީޕީގެ ބައެއް ފަރާތްތަކުން މަލާމަތްކުރި ކަމަށާއި ނަމަވެސް މިއަދު މުޅި ދުނިޔޭގެ ކްރިމިނަލް ސިސްޓަމް ދަނީ ޓެގަށް ބަދަލުކުރަމުން ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން މިއަދުގެ ކަންކަން ކުރެވޭނީ މިއަދުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުށްތަކާއި ދެކޮޅަށް މަސައްކަތް ކުރަން މިނިސްޓަރު އިމްރާނަށް ވެސް އެނގެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.