Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު ޝަރުއީ ދާއިރާ

އަލީ ވަހީދުގެ މައްޗަށް ޖަލު ހުކުމުއް އިއްވައިފި

އަލީ ވަހީދު - ފޮޓޯ: ސަން

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދެ މަހުގެ ޖަލުހުކުމެއް އިއްވައިފިއެވެ.

އަލީ ވަހީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވަނީ ސުޕްރީމް ކޯޓުންނެވެ. އެގޮތަށް ހުކުމް ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ހުރުމަތް އަލީ ވަހީދު ކެނޑިކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ 2 މަހާ 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށެވެ.

އަލީ ވަހީދުގެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މިއަދުގެ އަޑުއެހުމަށް އަލީ ވަހީދަށް ކޯޓު އަމުރު ރައްދު ކުރެވި އޭނާ އެއަމުރާ އެއްގޮތަށް ކޯޓަށް ހާޒިރުވެފައި ނުވާކަން ފާހަގަކުރައްވާފައެވެ.

މީގެ ކުރިންވެސް އަލީ ވަހީދުގެ މައްސަލައިގައި ދައުލަތުން މައްސަލަތަކެއް ހައިކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިކަން ފާހަގަކޮށް އެ މައްސަލަތައް ކުރިއަށް ނުގެންދެވުނީ އަލީ ވަހީދު އުޅޭތަނެއް ނޭނގޭތީކަން ފަނޑިޔާރު ހުސްނުއްސުއޫދު ފާހަގަކުރެއްވިއެވެ. އަދި މިހާރު ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފު މައްސަލައަށްވެސް ހާޒިރުވުމަށް ފޮނުވާފައިވާ އަމުރަށް އަލީ ވަހީދު ހާޒިރުވެފައިނުވާތީ އެ މައްސަލަވެސް ކުރިއަށްގެންދިއުމަށް ހުރަސް އެޅިފައިވާކަމަށެވެ.

އެ މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އަލީ ވަހީދުއަށް ސުޕްރީމް ކޯޓުގެ އަމުރުލިބި އަމުރަށް ކިޔަމަން ނުވާ ހާލަތުގައި އެކަމާ މެދު ފިޔަވަޅެއް ނާޅާ ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބާރުވެރިކަމާމެދު ސުވާލުއުފެދި ކޯޓުތަކުގެ އިތުބާރު ގެއްލިގެންދާނެ ކަމެއްކަމަށެވެ. އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅެއް ނޭޅި ކޯޓުތަކުން އެކަމާ މެދު ކަމެއް ނުކުރެވި މައްސަލަތައް ހިންގޭގޮތްނުވެ "އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ" ރާއްޖޭގެ ދުސްތޫރީ ނިޒާމު ކިލަނބުވެ ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތްކެނޑި ރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭކަމުގެ ތަސައްވުރު އުފެދޭކަމެއްކަމަށެވެ.

"އެހެންކަމުން އަލީ ވަހީދާމެދު ޤާނޫނުގައިވާގޮތުގެ މަތިން ކޯޓުތަކުން އަމަލުކުރަންޖެހޭނެ. އަލީ ވަހީދުގެ މައްޗަށް ޝަރީއަތް ކުރަން ޖެހުމުން ޝަރީއަތްކުރާ ކޯޓުތަކަކީ ކުޅޭކުޅޭ އަދި ހަރުދަނާ ކަމެއްނެތް ތަންތަންކަމަށް ދޭހަވާގޮތަށް ގާނޫނާއި ގަވައިދު މާނަކޮށް އިޖުރާއީ ބާގަނޑުތައް ފޭކޮށް ޤާނޫނުގެ ދިގުއަތް ބައެއް މީހުންނާހަމައަށް ނުފޯރާކަމުގެ ތަސައްވުރު އުފެދޭގޮތަށް އެއްވެސް ކޯޓަކުން ޤާނޫނު މާނަކޮށްގެން ނުވާނެ."

އަލީ ވަހީދު ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ ފިޔަވަޅުއެޅުމަށް ފަނޑިޔާރު ހުސްނުއްސުއޫދު ނިންމެވި ރައުޔަށް މައްސަލައިގައި ދެންތިއްބެވި ފަނޑިޔާރުން ތާއީދުކުރައްވާފައިވެއެވެ. އެހެންކަމުން ކޯޓުގެ ހުރުމަތް ކެނޑުމުން 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެއެވެ. އަދި މި މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަދި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ އުފުލާފައެވެ.