ޖިންސީ ގޯނާގެ ދައުވާ އަދި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ފެނިގެން ނުވާނެކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފިއެވެ.
އަލީ ވަހީދުގެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ އަމުރަށް އަލީ ވަހީދު ކޯޓަށް ހާޒިރުވެފައިނުވާތީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

މި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދު އިއްވަވާ ދެންތިއްބެވި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ތާއީދު ކުރެއްވި ހުކުމުގައި ބުނެފައިވަނީ، އަލީ ވަހީދުއަށް ސުޕްރީމް ކޯޓުގެ އަމުރުލިބި އަމުރަށް ކިޔަމަން ނުވާ ހާލަތުގައި އެކަމާ މެދު ފިޔަވަޅެއް ނާޅާ ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބާރުވެރިކަމާމެދު ސުވާލުއުފެދި ކޯޓުތަކުގެ އިތުބާރު ގެއްލިގެންދާނެ ކަމެއްކަމަށެވެ.
އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅެއް ނޭޅި ކޯޓުތަކުން އެކަމާ މެދު ކަމެއް ނުކުރެވި މައްސަލަތައް ހިންގޭގޮތްނުވެ "އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ" ރާއްޖޭގެ ދުސްތޫރީ ނިޒާމު ކިލަނބުވެ ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތްކެނޑި ރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭކަމުގެ ތަސައްވުރު އުފެދޭކަމެއްކަމަށެވެ.

"އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ފިޔަވަޅު ނޭޅި ކޯޓުތަކުން މިކަމާ މެދު ކަމެއް ނުކުރެވި މައްސަލަތައް ހިންގޭ ގޮތެއް ނުވެ އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާން ދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމެއް.އެހެންކަމުން އަލީ ވަހީދާމެދު ޤާނޫނުގައިވާގޮތުގެ މަތިން ކޯޓުތަކުން އަމަލުކުރަންޖެހޭނެ. އަލީ ވަހީދުގެ މައްޗަށް ޝަރީއަތް ކުރަން ޖެހުމުން ޝަރީއަތްކުރާ ކޯޓުތަކަކީ ކުޅޭކުޅޭ އަދި ހަރުދަނާ ކަމެއްނެތް ތަންތަންކަމަށް ދޭހަވާގޮތަށް ގާނޫނާއި ގަވައިދު މާނަކޮށް އިޖުރާއީ ބާގަނޑުތައް ފޭކޮށް ޤާނޫނުގެ ދިގުއަތް ބައެއް މީހުންނާހަމައަށް ނުފޯރާކަމުގެ ތަސައްވުރު އުފެދޭގޮތަށް އެއްވެސް ކޯޓަކުން ޤާނޫނު މާނަކޮށްގެން ނުވާނެ."
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަދި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ އުފުލާފައެވެ.
