Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

މިވެރިކަމުގެ ނިމުމަށް އިންތިޒާރުކުރާ މީހުން އިތުރުވެއްޖެ

ޑރ. މުހައްމަދު ޖަމީލް އަހުމަދު-

މިވެރިކަމުގެ ނިމުމަށް އިންތިޒާރުކުރާ މީހުން އިތުރުވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ ވެރިކަމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޖަމީލު ވިދާޅުވީ ދިވެހި ޤައުމު ދަރަނިވެރިކޮށް، މިސްރާބު ގެއްލި އަދި ބޭރު މީހުން ހުންގާނަށް ފައިބަން ފުރުޞަތު ދިނީ ސީދާ ރައީސް ސޯލިހުގެ ވިސްނުމުންކަން މިއަދު އެނގިގެން ގޮސްފައިވާ ކަމަށެވެ.

"މިވެރިކަމުގެ ނިމުމަށް އިންތިޒާރުކުރާ މީހުން އިތުރުވެއްޖެ. ޙަގީގީ އެމްޑީޕީއަށް ވެސް މި ލިބުނީ ކެހިވެރި މިތުރެއްކަން މިއަދު ސާފު" ޖަމީލު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެގޮތުން 2008 އިން ފެށިގެން މިހާތަނަށް ކޮންމެ ސަރުކާރަކުން ވެސް ވެރިކަން ކުރީ އެ އުނދަގޫތަކާއެކު ކަމަށެވެ. އަދި އެމްޑީޕީގެ ފުރަތަމަ ތިން އަހަރުގެ ވެރިކަމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ވެސް އެ ދަތިތަކާ ކުރިމަތިވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގައި ހުންނަވާއިރު މަޖިލީހުގެ މެޖޯރިޓީ ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށާއި، މިވަގުތު ވެރިކަމުގައި ހުރީ މަޖިލީހުގެ މެޖޯރިޓީއާ އެކުކަމަށެވެ. އަދި އެ މެޖޯރިޓީ ދެމެހެއްޓުމަށް ވެސް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ވެރިކަމުގައި ހުންނައިރުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން އަޅުގަނޑު ބޭނުން، އެކަން އަޅުގަނޑު ކުރާނެ. އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު މި ހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާއިރު މިއީ އެއްޕާޓީއަކަށް މަޖިލީހުގެ މިހާ ބޮޑު މެޖޯރިޓީއެއް ލިބުނު ފުރަތަމަ ފަހަރެވެ.