ހަރުކަށި ފިކުރުގެ 1300 މީހުން ރާއްޖޭގައި ނުތިބޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވެފައިވާއިރު މީީގެކުރިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ހަރުކަށި ފިކުރުގައި ޖެހިފައި ތިބި ދިވެހިންގެ އަދަދު ގާތްގަނޑަކަށް 1400 އަށް އަރާ ކަމަށް ވިދާޅުވެފައެވެ.
ރޭ ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އުމަރު ވިދާޅުވީ ހަރުކަށި ފިކުރެއްގެ މީހަކަށް ވާނީ ބަޔަކަށް އަނިޔާވެރިވުމާ ހިސާބަށް އެމީހެއްގެ ފިކުރު ގޮސް އެއަށް އަމަލީ ސިފައެއް ގެންނަން މަސައްކަތް ކުރުމުން ކަމަށާއި އެފަދަ ކަމަކާއި ހަމައަށް ދާނީ ވަރަށް މަދު އަދަދެއްގެ ބައެއް ކަމަށެވެ.
"ރާއްޖޭގައި ނުތިބޭނެ 1300 މީހުންނެއް ހަރުކަށި ފިކުރުގެ. އެއީ ހަމަ ޔަގީން ކަމެއް" އުމަރު ވިދާޅުވިއެވެ.
އަދި އެމީހެއްގެ ވިސްނުން އާންމުކޮށް ދީނީ ގޮތުން ވިސްނުންތައް ހުންނަ ގޮތާއި ފެޔަށް ޖެހިފައި ތިބޭ މީހުންނަކީ ހަރުކަށި ފިކުރެއް ނޫން ކަމަށާއި މީހެއްގެ ތުނބުޅި ހުންނަ ގޮތަކުން ނުވަތަ މީހަކު ހެދުން އަޅާ ގޮތަކުން އެމީހާ އަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ބުނެވިގެން ނުވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އެގޮތުން އުމަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގަބޫލުފުޅު ނުވާ މީހުންނާ ދިމާލަށް ހަރުކަށި ފިކުރުގެ މީހުން ކަމަށް ބުނާތީ އެކަން ވެސް ކުށްވެރިކުރައްވާފައެވެ. ނަމަވެސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާ ކުށްވެރިކުރާ ކަމަށާއި އެ ހަމަލާ ދިން މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ވެސް އުމަރު ވަނީ ގޮވާލާފައެވެ.
މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެރޭ ނަޝީދު އަވާހަރަކޮށްލަން ދިން ބޮމުގެ ހަމަލާ ވެސް ގުޅެނީ ހަރުކަށި ފިކުރާއެވެ. އެގޮތުން އެ ހަމަލާއާ ގުޅޭ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ހަތަރު މީހަކަށް މިހާރު ވަނީ ދައުވާކޮށްފައެވެ.