ސިޓީތަކުގެ މޭޔަރުންނަކީ ގިނަ ބައެއްގެ ލޯ އަމާޒު ވެފައިވާ ބައެކެވެ. އެމީހުން ހަދާ ނަހަދާ ރައްޔިތުން އަބަދުމެ ބަލައެވެ. އެހެންވެ މޭޔަރުގެ ވާހަކަތަކަށް އާއްމުންގެ ބޮޑު ސަމާލު ކަމެއް ހޯދަ އެވެ.
މީ އޭގެ ތެރެއިން ވާހަކައެކެވެ. މިއަހަރު ކުރީ ކޮޅު އައްޑޫ ލައިވުން ޖެހި ހަބަރަކާއި ގުޅިގެން އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ރާއްޖޭގެ ބޮޑު މީޑިއާއަކަށް ގުޅުއްވި އެވެ. ޝަކުވާ ކުރުމަށެވެ.
މޭޔަރު މައްސަލަ ޖެއްސެވީ އެ މީޑިއާ އަށް ދިން ބަސްދީގަތުމެއްގެ ހަބަރު ޖަހާފައި ވަނިކޮށް އެ ހަބަރުން، ހަބަރެއް ހަދައި އައްޑޫ ލައިވް އިން ޝާޢިއު ކުރި މައްސަލާގަ އެވެ. އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ބުނެ މޭޔަރު ވަރަށް ރުޅިގަދަވި އެވެ.
އެ ހަބަރަކީ "ބަޖެޓް ލިބުނީ ކައުންސިލަރުން ފެންވަރައި ރީތިވެގެން އޮފީހަށް ވަދެވޭ ވަރަށް" ކަމަށް ބުނެ މޭޔަރު ދެއްވި އިންޓަވިއުގެ ވާހަކައެވެ.
އައްޑޫގެ ރައްޔިތުންނާ ގުޅޭ ގޮތުން ކޮންމެ މީޑިއާއަކަށް އިންޓަވިއު ދެއްވި ނަމަވެސް އެ ހަބަރު އައްޑޫގެ ރައްޔިތުންނާއި ހިސާބަށް ގެނައުން މޭޔަރަށްވީ ބޮޑު ކަމަކަށެވެ. އަދި އެހަބަރު އައްޑޫ ލައިވުން ގެނެސް ދިން މައްސަލަ މޭޔަރު ވަނީ ކުށްވެރިކޮށްފަ އެވެ.
މޭޔަރު އިންޓަވިއު ދެއްވި މީޑީއާގެ މީހަކު އަޅުގަނޑަށް ގުޅާފައި މިވާހަކަ ކިޔައި ދިނުމުން ވަރަށް ދެރަވެ ލަދުގަތެވެ.
އެ މީހުން ވެސް އެހީ ތި މީހުންގެ މޭޔަރަށް މިކަހަލަ ކަންކަން ނޭގެނީ ތޯ އެވެ؟ ކޮންމެއަކަސް މި ވާހަކަ ވެސް ތިބޭފުޅުންނާ ހިއްސާކޮށްލީ އެވެ.
އެހެން ވާހަކައެކެވެ. އައްޑޫގެ ޒުވާނަކު ކައުންސިލުން ކުރާ ކަންކަން ގޯސްވެގެން އެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކުރަނީ އެވެ. ކައުންސިލަރުންނާއި މޭޔަރު "ޓެގް" ކޮށްފަ އެވެ.
އެހެންވެ މޭޔަރު އެ ޒުވާނާއަށް ގުޅައި ހުރި ކަންބޮޑުވުމުގެ ވާހަކަ ދައްކާލަަން މޭޔަރު އޮފީހަށް އައުމަށް އެދުނެވެ. އަދި އަންނަ އިރު އިތުރު އެހެން ޒުވާނުން ގޮވައިގެން އައުމަށް އެދުނެވެ. އެހެންވެ އިތުރު ޒުވާނުންތަކަކާ އެކު މޭޔަރު އެދުނު ތަނަށް އެ ގަޑި އަށް ގޮސްފި އެވެ.
އެއްކަލަ ޒުވާނާ މޭޔަރަ މެސެޖަކުން ތިބި ވާހަކަ އެންގިއެވެ. އިރުކޮޅަކުން މޭޔަރު އޮފީހުގެ ރިސެޕްޝަންގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނެގި މުވައްޒަފު އެ ޒުވާނުންނާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ޖަވާބު ދެމުން ދިޔައެވެ.
ފޯނު ބާއްވާފައި އެކަލަ މުވައްޒަފު މި އަންގަނީ މޭޔަރު އާއި ބައްދަލު ކުރަން ދިއުމުގެ ކުރިން އެ މީހުންގެ މޯބައިލް ފޯނުތައް ރިސެޕްޝަނާ ހަވާލުކޮށްފައި އައުމަށް މޭޔަރު އެދިލެއްވި ކަމަށެވެ.
ހުރިހާ ޒުވާނުން އެއް ފަހަރާ ފޯނު ނުބޭއްވޭނެ ކަމަށް ބުނެ މައްސަލަ ޖެއްސި އެވެ. އަދި ފޯނު ބާއްވާފައި ބައްދަލު ކުރަން ނުދާނެ ކަމަށް ބުނެފި އެވެ.
މުވައްޒަފު ބުނީ މޭޔަރު ވިދާޅުވީ ވާހަކަ ތައް ރިކޯޑްކޮށްފާނެތީ ފޯނު ބޭއްވާފައި އައުމަށް ކަމަށެވެ. ކޮންމެއަކަސް އެންމެން މައްސަލަ ޖައްސަން ފެށުމުން ފޯނު ހިފައިގެން އަޔަސް މައްސަލައެއް ނެތް ކަމަށް މޭޔަރު އަންގައިފި އެވެ.
ބައްދަލުވުމަށް ވަނުމާއި އެކު މޭޔަރު އެންމެ ފުރަތަމަ ވެސް ކުރި ސުވާލަކީ ފޯނު ކޮބައިތޯ އެވެ؟ އެހެން ހަމަ ސުވާލު ކުރުމާ އެކު އެންމެންގެ ފޯނުތައް މޭޔަރަަށް ފެންނަ ގޮތަށް މޭޒު މައްޗަށް ނެގި އެވެ.
އެ ބައްދަލުވުމުގައި އެ ޒުވާނުންގެ ހުރި ކަންބޮޑުވުންތަަކުގެ ވާހަކަ ހިއްސާ ކުރި އެވެ. އެކަމަކު މޭޔަރު ހުރީ ވަރަށް ބިރުންނެވެ. އެ ބައްދަލުވުމުގައި ދެއްކި ވާހަކަ އެ މީހުން ރިކޯޑްކޮށްފާނެތީ އެވެ. ސުވާލަކީ މޭޔަރު ބިރުން އުޅެނީ ކޮން ކަމަކާ ހެދިތޯ އެވެ؟
އަދިވެސް މި ކަހަލަ ވަރަށް ގިނަ ވާހަކަ އެބަ ހުއްޓެވެ. އެކަމަކު އެހެން ފަހަރަކުން އެ ވާހަކަ ހިއްސާކުރާނީ އެވެ.