މޭ 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އަވާހަރަ ކޮށްލަން ބޮން ގޮއްވާލި މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުންގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައިވާކަމަށެވެ. އެހެންނަމަވެސް އެ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންނަކީ ކޮބައިކަން ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ނަޝީދުގެ މައްސަލައިގައި މިހާރު ދައުވާކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ. އަދުހަމްގެ މައްޗަށް 4 ދައުވާ، މުޖާޒަށް 2 ދައުވާ، ތަހުމީނަށް 4 ދައުވާ އަދި އަލީ ހައިޝަމަށް 3 ދައުވާ ކޮށްފައިވެއެވެ.
މީގެ ތެރެއިން އަދުހަމް ވަނީ ދައުވާތަކަށް އިއުތިރާފްވެ 23 އަހަރުގެ ޖަލުހުކުމަކަށް އިއުތިރާފްވެފައެވެ. އަދުހަމްގެ މައްޗަށް ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި ތޫހުނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.
މުޖާޒުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ އުފުލާފައިވާއިރު ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަން ސާބިތުވެއްޖެ ނަމަ 17-20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަދި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 9 މަހާއި 18 ދުވަހުގެ ހުކުމެއް އަންނާނެއެވެ.
މީގެ އިތުރުން ތަހުމީންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ ކޮށްފައެވެ. މީގެތެރެއިން ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވެއްޖެނަމަ 17-20 އަހަރާ ދެމެދުގެ ޖަލުހުކުމެއް، އަދި ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ ސާބިތު ވެއްޖެނަމަ 12-15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ހައިޝަމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާއިރު އެކަންކަން ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ގާތްގަނޑަކަށް 35 އަހަރުގެ ހުކުމެއް އަންނާނެއެވެ.