Last Updated: February 8, 00:12
Friday, February 7, 2025
ޚަބަރު

ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި

ހިޔާ ފްލެޓް-- ފޮޓޯ: މިހާރު

ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން މިއަދު ފަށައިފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ފްލެޓްތަކަށް ކަރަންޓް ދޭން މިއަދު ފަށާއިރު ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދޭން ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން މިއަދު 15 އަދި 16 ވަނަ ޓަވަރަށް ކަރަންޓު ދެވިގެންދާނެ ކަމަށާއި، މި މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9 އަކުން ހަވީރު 5 ކަށް ކުރިޔަށްދާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނެފައިވަނީ މިދެންނެވި ދެ ޓަވަރުން ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ސްޓެލްކޯއިން އެސް.އެމް.އެސް އެއް ފޮނުވާނެ ކަމަށާއި، އެސް.އެމް.އެސް ލިބިވަޑައިގަތުމުން ކަރަންޓު ލުމަށްޓަކައި ސްޓެލްކޯއާއެކު ސޮއެކޮށްފައިވާ ފަރާތްތަކުން ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއެކު، އެޓަވަރަކަށް ވަޑައިގަތުމުން އެ ފްލެޓަކަށް ކަރަންޓު ދެވިގެންދާނެ ކަމަށެވެ.

މި މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުން ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިންވަނީ ކޮންމެ ދުވަހަކުވެސް ކަރަންޓު ދެވޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަށް އެ ދުވަހަކު ހާޒިރުވުމަށް އިލްތިމާސްކޮށްފައެވެ. ކޮންމެ ދުވަހަކުވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓު ދެވިގެންދާނެ ދެ ޓަވަރު ސްޓެލްކޯއިން ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި ހިއްސާކުރަމުން ގެންދާނެކަމަށްވެސް ބުނެފައިވެއެވެ.