ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ އަށް ތާވަލުކޮށްފިއެވެ.
ރައީސް ޔާމީންގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 09:00 އަށެވެ. މި އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުމެކެވެ.
ރ. ފުއްގިރި މައްސަލައިގައި ރައިސް ޔާމީންގެ މައްޗަށް ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވާއިރު މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ އޮގަސްޓް 1 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ވަނީ ޝަފަހީ އަދި ކިތާބީ ހެކި ހިމެނޭގޮތަށް ޖުމުލަ 86 ހެއްކެއް ހުށަހަޅާފައެވެ. އެގޮތުން ޔާމީނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ސަން ކުންފުނީގެ ޗެއާމަން އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، ކުރީގެ މެމްބަރު އަލީ މައުރޫފް އަދި މ. ޕޮމްޕިޔާ އިބްރާހިމް ރަޝީދު (ބޮންޑޭ) ފާހަގަކުރެވެއެވެ. މީގެ އިތުރުންވެސް ގިނަ ކިތާބީ ހެކި ޔާމީނާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވެއެވެ.
ޔާމީންގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި، ސަން ކުންފުނީގެ ޗެއާމަން އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، މާލެސިޓީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އަދި މި މައްސަލައިގައި ދައުވާ ލިބޭ އަހުމަދު ކްރިކް ރިޟާ ފާހަގަކުރެވެއެވެ. މީގެ އިތުރުންވެސް އިތުރު ފަރާތްތަކަކާއި ކިތާބީ ހެކި ހުށަހަޅާފައިވެއެވެ.
ރައީސް ޔާމީންގެ ފަރާތުން ހެއްކެއްގެގޮތުގައި ސިޔާމް ހުށަހަޅާފައިވަނީ ސިޔާމާއި އެކު ހިންގާފައިވަނީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަން ސާބިތުކުރުމަށެވެ. އަދި ހެއްކެއްގެ ގޮތުގައި ނަރީޝް ހުށަހަޅާފައިވަނީ، ޑޮލަރު ގަތުމަށްފަހު ދޭންޖެހޭ ފައިސާ ޔާމީންގެ ފަރާތުން ސިޔާމަށް ހަވާލުކުރިއިރު ނަރީޝް އަދި އިތުރުމީހަކު ހެއްކިންގެ ގޮތުގައި ތިބިކަން ސާބިތު ކުރުމަށެވެ. ނަރީޝާއެކު އެވަގުތު ހެކިންގެ ގޮތުގައި ތިބިކަމަށްބުނާ އިތުރު މީހަކުވެސް ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީންގެ ފަރާތުން ހުށަހަޅާފައިވެއެވެ.
ރައީސް ޔާމީންގެ ވަކީލް ވިދާޅުވީ، ޑޮލަރު ގަތުމަށް 17.2 މިލިއަން ރުފިޔާ ރައީސް ޔާމީންގެ ފަރާތުން ދީފައިވާކަމަށެވެ. އަދި ޑޮލަރު ގަނެފައިވާނީ ބޭންކް ރޭޓުގައި ކަމަށްވެސް ބުނެފައިވެއެވެ.
ރ. ފުއްގިރި މައްސަލައިގެ ތަފްސީލު:
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށެވެ.
މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.
މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.
ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.