ބަނގުރާ ބުއި ދިވެއްސެއްގެ މައްޗަށް ޖަލްދު ކުރުމުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
ކްރިމިނަލް ކޯޓުން ޖަލްދު ކުރުމުގެ ހުކުމް އިއްވާފައިވަނީ ކ. މާލެ / ގ. ގާނެޓް ހަސަން ޔާމީންގެ މައްޗަށް އޮގަސްޓް 18 ވަނަ ދުވަހުއެވެ.
އޭނާގެ މައްޗަށް ދައުލަތުން ބަނގުރާ ބުއިމުގެ ދައުވާ އުފުލާފައިވަނީ، 4 މާޗް 2020 ވަނަ ދުވަހު ކ. މާލެ ހ. ނާގޫރު ގޭގެ 4 ވަނަ ފަންގިފިލާގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލައިގެ ތަހުގީގުގައި ފުލުހުން މީނާއާ ސުވާލު ކުރުމުން މަސްތުވުމަށް ބަނގުރާ ބޭނުންކުރާ މީހެއްކަމަށް ބުނެ އިއުތިރާފް ވެފައިވާތީއެވެ.
މި މައްސަލައިގައި ކުރި ދައުވާއަށް މީނާ އިއުތިރާފްވެ ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުން ހަދާފައިވެއެވެ.
އެހެންކަމުން އޭނާގެ މައްޗަށް ވަނީ ނުވަ ދުވަހުގެ ޖަލުހުކުމެއް އިއްވާ 40 އެތިފަހަރުން ޖަލްދު ކުރުމަށް ހުކުމް ކޮށްފައެވެ. އަދި އޭނާގެ މައްޗަށް ކަނޑައަޅާފައިވާ ނުވަ ދުވަހުގެ ޖަލު އަދަބަށްވުރެއް ގިނަ ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ، އިތުރަށް ތަންފީޒު ކުރަންޖެހޭ ޖަލު ހުކުމެއް ނެތްކަމަށް ކަނޑައަޅާފައިވެއެވެ.
ޖަލްދު ކުރުމަކީ ހަށިގަނޑަށް ނުރައްކާތެރި އަނިޔާ ނުލިބޭނެގޮތެއްގެ މަތިން، އަދަބެއް ރަމްޒުކޮށްދިނުމުގެ ގޮތުން، ހަންމުށިން ނުވަތަ ދުއްރައިން މީހެއްގެ ގައިގާ ތަޅާތެޅުމެވެ. ޖަލްދު ކުރާހިިނދު، އެ އަދަބަކަށް ހުއްދަ ކުރެވިގެންވާ ހުރިހާ އެތިފަހަރެއް ޖަހަންވާނީ އެކަކުކަމަށާއި، ޖަލްދު ކުރާ މީހާގެ އަތުގެ ކުޑަހުޅު ނޫނީ ލަންބައިގެން ނުވާނެކަމަށާއި އަދި އޭނާގެ އަތުގެ މުލައްދަނޑިއަށް އެއްވެސް ބާރެއް ލައިގެން ނުވާނެކަމަށް ނުވަތަ އުނަގަނޑާއި ފުރަގަހާއި ފަޔާއި ފުންނާބުގެ ހަރަކާތެއްގެ ބާރު ބޭނުންކޮށްގެން ނުވާނެކަމަށެވެ.