ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށް އޮތް ދެ މަސްތެރޭގައި ނިންމާލުމަށް މަސައްކަތް ކުރައްވާނެކަމަށް މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވެއްޖެއެވެ.
ޑރ. ޒިޔާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުރިއިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާތީ އާއި، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިދު ފައިދާއެއް ހޯދާދީފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
ޒިޔާދުގެ މައްސަލައިގައި މިއަދު އަޑުއެހުމެއް ބޭއްވިއިރު މިއީ މިމައްސަލައާ ހަވާލުވި 3 ވަނަ ގާޒީ އެވެ. އެގޮތުން މިއަދުގެ އަޑުއެހުމުގައި ގާޒީ މިސްބާހު ވަނީ މި މައްސަލައަކީ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ނިންމާފައެވެ. މި މައްސަލައިގައި ދެން އޮންނާނީ ޝަރީއަތުގެ މަރުހަލާ އެވެ.
މިއަދުގެ އަޑުއެހުމުގައި ޒިޔާދުގެ ވަކީލް ނޫރުއްސަލާމް ވާހަކަ ދައްކަވަމުންވަނީ މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވަނީ ފަސް ޝަފަވީ ހެއްކާއި ކިތާބީ ހެކިތަކެއްކަން ފާހަގަކޮށް މި މައްސަލަ ވީއެންމެ އަވަހަކަށް ނިންމައިދިނުމަށް އެދިފައެވެ. ނޫރުއްސަލާމް ވަނީ މިމައްސަލައިގައި ދައުވާ ކޮށްފައިވާ ފަރާތްތަކަކީ ކުށުގެ ވެށީގައި ނުހިމެނޭ ފަރާތްތަކަކަށްވުމުން މިފަދަ ދައުވާއެއް އުފުލާ ގޮތެއް ނުނިންމި ގިނަ ދުވަސްތަކެއްވާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ. އަދި މިކަމުގައި ސަބަބުން ޒިޔާދުގެ އަބުރާއި މަގާމަށް އުނިކަން އަންނަކަމަށެވެ. އެހެންކަމުން މައްސަލައިގައި އަވަހަށް ގޮތެއް ނިންމައިދިނުމަށް އެދިފައިވެއެވެ.
އެކަމާއި ގުޅޭގޮތުން ދައުލަތުންވެސް އެދިފައިވަނީ މައްސަލަ އަވަހަށް ނިންމައިދިނުމަށެވެ.
އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ޝަރީއަތުން ވެސް ބޭނުން ވަނީ މައްސަލަ އަވަހަށް ކުރިއަށް ގެންދަން ކަމަށާއި ހަތަރު އަޑުއެހުމެއް ބާއްވައިގެން މައްސަލަ ނިންމާލެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭ މައްސަލާގެ ޝަރީއަތް ނިމެނޭ ގޮތަށް އަޑުއެހުންތަކުގެ ތާވަލެއް ހިއްސާކުރައްވާނެކަމަށވެެ. އަދި އެއަށްފަހު ގާޒީ ވަނި މިއަދުގެ އަޑުއެހުން ނިންމާލައްވާފައެވެ.