Last Updated: April 8, 06:06
Tuesday, April 8, 2025
ޚަބަރު ޝަރުއީ ދާއިރާ

ޝޭވަރެއް ވަގަށް ނެގި މީހަކު 8600ރ އިން ޖުރިމަނާކޮށްފި

ކްރިމިނަލް ކޯޓް. ފޮޓޯ: ވީނިއުސް

އިހުސާނު ފިހާރައިން ޝޭވަރެއް ވަގަށް ނެގި މީހަކު 8600 ރުފިޔާއިން ޖުރިމަނާ ކުރުމަށް ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ޖުރިމަނާ ކޮށްފައިވަނީ މ. ރަންއައްސޭރި / ކ. މާލެ އަހުމަދު ޒަމީރެވެ.

ދައުލަތުން އޭނާއާ ދެކޮޅަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ 2018 ސެޕްޓެމްބަރު 8 ވަނަ ދުވަހުގެ 11:15 ހާއިރު އިހުސާނު ފިހާރައަށްވަދެ އެ ފިހާރައިގެ ފުރަތަމަ ފަންގިފިލާގައި ޝޭވަރު ބަހައްޓާފައި ހުންނަ ހަރުން ފިޔާތޮށި ކުލައިގެ ކެމީ ބްރޭންޑްގެ ޝޭވަރެއް ވަގަށް ނަގާފައިވާކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ކޮށްފައިވަނީ ވައްކަން ކުރުމުގެ ދައުވާއެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އެމީހާ ވަނީ ދައުވާއަށް އިއުތިރާފްވެފައެވެ.

އެހެންކަމުން އަވަސްނިޔާގެ ދަށުން މައްސަލަބަލާ ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ އޭނާގެ މައްޗަށް އެއް މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް އެ ޖަލުހުކުމް ޤާނޫނުލްއުޤޫބާތުގެ 1005 ވަނަ މާއްދާގެ (ހ)އާއި، އެ ޤާނޫނުގެ 1202 ވަނަ މާއްދާގެ ދަށުން 8600 ރުފިޔާއިން ޖުރިމަނާކުރުމުގެ އަދަބަކަށް ބަދަލުކުރާކަމަށެވެ. އަދި އެ ފައިސާ ދެ މަސްތެރޭގައި މީރާއަށް ދެއްކުމަށްވެސް ހުކުމްކޮށްފައިވެއެވެ.