Last Updated: March 11, 10:00
Tuesday, March 11, 2025
ޚަބަރު

ގޯތީގެ މައްސަލައަކީ ބޮޑު ގޮންޖެހުމެއް: މޭޔަރު

ކައުންސިލަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ގޯތީގެ މައްސަލަތައް ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.

"އައްޑޫ ލައިވް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މޭޔަރު ވިދާޅުވީ ގޯތީގެ މައްސަލަތައް އެހާ ބޮޑު މައްސަލައަކަށް ވެގެން ގޮސްފައި ވަނީ، އެއްވެސް ޕްލޭނެއް ނެތި މީގެ ކުރިން ގިނަ އަދަދެއްގެ ގޯތި ދޫކޮށްފައި ހުރުމުން ކަމަށެވެ.

ހާއްސަކޮށް ހިތަދޫ މާމެންދު އާއި އާރްއޭއެފް ސަރަހައްދުން އެއްވެސް ޕްލޭނެއް ނެތި ޖެހުނު ތަނަކުން ގޯތި ދޫކޮށްފައި ހުރުމުން ކައުންސިލަށް އެ މައްސަލަތައް ހައްލު ކުރަން ވަރަށް ދަތިވެފައިވާ ކަމަށް ސޯބެ ވިދާޅުވި އެވެ.

މާމެންދު އާއި އާރްއޭއެފް ސަރަހައްދަކީ ގިނަ އަދަދެއްގެ ގޯތި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ ސަރަހައްދެކެވެ.

އެ ސަރަހައްދުން ދޫކޮށްފައި ހުރި ބިންތަކުގައި ބައެއް މީހުން އިމާރާތް ކުރަން ފަށައި، އަދި މަދު އަދަދެއްގެ ބަޔަކު މިހާރު އަންނަނީ އެ ސަރަހައްދުގައި ދިރިއުޅެމުންކަން ވެސް ފާހަގަކޮށްލެވެ އެވެ.

އެއްވެސް ޕްލޭނެއް ނެތި ގޯތި ދޫކޮށްފައި ވަނިކޮށް، ކައުންސިލުން ވަނީ އަލުން އެ ސަރަހައްދުގެ ލޭންޑް ޔޫޒް ޕްލޭނެއް ވެސް ހަދައިފަ އެވެ.

އެހެން ނަމަވެސް އެ ޕްލޭން ތަންފީޒު ކުރަން ވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، އެކަން ކުރިއަށް ގެންދެވޭ ގޮތެއް ނުވެ އެވެ. އެގޮތުން މާމެންދު އާއި އާރްއޭއެފުން ދޫކޮށްފައި ހުރި ގިނަ އަދަދެއްގެ ގޯތި ބަދަލު ދޭ ގޮތަށް ކައުންސިލުން 2011 ވަނަ އަހަރު ނެގި އެވެ.

އެހެން ނަމަވެސް ބަދަލު ގޯތި ދޭން ކައުންސިލުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، މި މައްސަލާގައި ކޯޓަށް ވައްދާ މައްސަލަތާއި ކޯޓުން ނިންމާ ނިންމުންތަކުން ކައުންސިލަށް ގޯތީގެ މައްސަލަތައް ހައްލު ކުރަން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

މިހާރު ވެސް ހިތަދޫ މެޖިސްޓްރޭޓް ކޯޓްގައި ދަނީ ގޯއްޗާ ބެހޭ ގިނަ މައްސަލަތައް ހިނގަމުންނެވެ. މީގެ ތެރޭގައި ކައުންސިލަށް ދައުވާ ކުރާ މައްސަލަތައް ވެސް ހިމެނެ އެވެ.