މިވަގުތު ސަސްޕެންޝަނުގައި ހުންނެވި ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްޗަށް ކުރެވޭ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު އެސެޓް ރިކަވަރީ ކަމިޝަނުން ހިންގީ ގޯސްކޮށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އެންގެވުމުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ދިޔާނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ ކޮމިޝަނުގެ ތަހްގީގު ގޯސްކަމަށް ރައީސް އެންގެވުމަކީ މަސްލަހަތު ފުށުއެރުމުގެ އުސޫލާ ހިލާފު ކަމެއް ކަމަށެވެ. އަދި އެ ގޮތައް އެންގެވުމަކީ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ރޫހާ ވެސް ހިލާފު ކަމެއް ކަމަށް ދިޔާނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެކަން ދިޔާނާ ސިފަ ކުރެއްވީ އެއީ ކޮމިޝަނުގެ ތަހްގީގަށް އަތްބޭނުން ގޮތުގައި އެވެ.
"ތަހްގީގީ ޕްރޮސެސްތަކަށް އަތްބާނާ މިސްރާބު އަނބުރާ ކިލަނބުކުރުން ސަރުކާރުން ހުއްޓާލަން ޖެހޭ" ދިޔާނާގެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.
މަހްލޫފުގެ ތަހްގީގު ރިޔާސީ ކޮމިޝަނުން ހިންގި ގޮތް ރަނގަޅު ނޫން ކަމަށް ރައީސް އޮފީހުން ރިޔާސީ ކޮމިޝަނަށް އެންގީ މަހުލޫފްގެ މައްސަލާގައި ލަންކާގެ ރައްޔިތެެއްގެ ހެކިބަސް ނެގި ގޮތް ބެލުމަށް ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އެންގި އެންގުމާއި ގުޅިގެން އެ މިނިސްޓްރީން ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓަށް ރިއާޔަތް ކުރުމަށްފަހު އެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވާ އެ ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގައި ބުނީ ޖިނާއީ މައްސަލައަކާ ގުޅިގެން ބޭރު ގައުމެއްގެ ފަރާތެއްގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރަންވީ އުސޫލުތަކެއްވާ ކަމަށާއި އެގޮތުން އެފަދަ ކަންކަން އިންތިޒާމު ކުރާނީ އެފަދަ ކަމެއްގައި އެހީތެރިކަން އެދޭ ގައުމުން ބަޔާން ބޭނުންވާ ފަރާތް ހުރި ގައުމުގެ ސަރުކާރުގެ ކިބައިން އެދިގެން ކަމަށެވެ.
އެގޮތުން މިއީ ރާއްޖޭގައިވެސް އަމަލުކުރަމުން އަންނަ އުސޫލު ކަމަށާއި ނަމަވެސް މަހުލޫފްގެ މައްސަލާގައި ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ ކަންޑައުޑާ އަރައްޗަންގީގެ ބަޔާން ނެގުމުގެ އިންތިޒާމު ހަމަޖެއްސުމުގައި އެ ކޮމިޝަނުން އަމަލުކޮށްފައިވަނީ މިފަދަ ކަންކަމުގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކާއި ގާނޫނުގައިވާ ގޮތަށް ނޫންކަމަށް ބުނެފައިވެއެވެ.
މަހުލޫފަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު އެ އޮފީހުން އަދިވެސް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާފައެއްނުވެއެވެ.