Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު ޝަރުއީ ދާއިރާ

ޔާމީން ދައްކަންޖެހޭ ޖުރިމަނާ 5 މިލިއަން ޑޮލަރު ނުދައްކާ އޮތް މައްސަލަ ކޯޓަށް

ކުރީގެ ރައީސް އަބްދުالله ޔާމީން އަދި އަނބިކަނބަލުން ފާތިމަތު އިބްރާހިމް-- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގައި ޖުރިމަނާގެ ގޮތުގައި ދެއްކުމަށް ހުކުމްކޮށްފައިވާ ފައިސާ ދައްކާފައިނުވާ މައްސަލައިގައި އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 28 ނޮވެންބަރު 2019 ގައެވެ.

އެހެންނަމަވެސް މިހާތަނަށްވެސް ރައީސް ޔާމީން އެ ފައިސާ ދައްކަވާފައެއްނުވެއެވެ.

އެމައްސަލައިގައި ބަންޑާރަނައިބުގެ އޮފީހުން ނެރުނު ނުސްބަޔާނުގައި ބުނެފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގެ (ކ)ގެ 1 ވަނަ ނަންބަރުގެ ދަށުން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަންގައި 26 ޖޫން 2021 ގައި މީރާ އިން ރައީސް ޔާމީނަށް ފޮނުވި ނޯޓިސްއާ ހަވާލުވެ، އެ ނޯޓިސްގައިވާ މުއްދަތުގައި ވެސް ފައިސާ ދައްކާފައެއް ނުވާކަމަށެވެ.

އެހެންކަމުން ދައުލަތަށް ލިބެންޖެހޭ އެފައިސާ ހޯދުމަށް 24 އޮގަސްޓް 2021 ގައި އޭޖީ އޮފީހުން ސިވިލް ކޯޓަށް ހުކުމް ތަންފީޒުކޮށްދިނުމުގެ މައްސަލައެއް ހުށަހަޅާފައިވާކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ. އަދި މައްސަލައިގައި އެދިފައިވާނީ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާ 5،000،000 މިލިއަން ޔޫއެސް ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކުރުމަށް ކަމަށްވެސް އޭޖީ އޮފީހުން މައުލޫމާތުދެއެވެ.

އޭޖީ އޮފީހުން ބުނެފައިވަނީ މި މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގެ (ބ)ގެ ދަށުންކަމަށެވެ. އެ މާއްދާގައި ބުނެފައި ވަނީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ބަންޑާރަނައިބަށް ލިބިގެންވާ ކަމަށެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުން ރައީސް ޔާމިން ޖުރިމަނާކޮށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތާގުޅޭ އިތުރު މައްސަލަ ތަކެއްގައިވެސް ރައީސް ޔާމީނާ ދެކޮޅަށް ތަހުގީގު ހިންގާ އިތުރު މައްސަލައެއްގެ ޝަރީއަތްވެސް އަންނަނީ ކުރަމުންނެވެ.