އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ފުރުސަތު ނުދޭން ނިންމާފައިވާ މައްސަލަގައި އިލެކްޝަންސް ކޮމިޝަނަށް ޖަވާބުދާރީވާން އެމްޑީޕީއަށް އަންގައިިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ފުއާދު ތައުފީގު އައްޑޫލައިވް އަށް ވިދާޅުވީ މަހްލޫފު ހުށައަޅާފައިވާ ޝަކުވާއާ ގުޅިގެން އެމްޑީޕީން އެ ކޮމިޝަނަށް ޖަވާބެއް ދިނުމަށް ލިޔުމުން އެދިފައިވާނެ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު މަހްލޫފު ވަނީ އިލެކްޝަން ކޮމިޝަނާ ބައްދަލުކޮށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބައިވެރިނުވެވޭނެ ކަމަށް ނިންމި ގޮތާ ގުޅޭ ގޮތުން ޝަކުވާ ހުށައަޅާފައި އެވެ. ފުއާދު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެމްޑީޕީން ދެކޭ ގޮތް ސާފުކުރުމަށް އެ ޕާޓީއަށް އެންގީވެސް އެ ދުވަހު އެވެ. ނަމަވެސް އަދި މިހާތަނަށް ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާއްމު ގޮތެއްގައި ހޯމަ ދުވަސް އެއީ ކޮމިޝަނުގެ ބައްދަލުވުން އޮންނަ ދުވަސް. މަހްލޫފުގެ ޝަކުވާއާ މެދު ގޮތެއް ނިންމާނީ ކޮމިޝަނުގެ ބައްދަލުވުމުން. އެހެން ކަމުން އުއްމީދު ކުރަނީ އެ ބައްދަލުވުމުގެ ކުރިން އެމްޑީޕީގެ ޖަވާބެއް ލިބޭނެ ކަމަށް،" ފުއާދު ވިދާޅުވި އެވެ.
އަންނަ މަހު އޮންނަ އެމްޑީޕީގެ އެކި ދާއިރާތަކުގެ އިންތިހާބުގައި މަހްލޫފުގެ އިތުރުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނަށް ވެސް ބައިވެރިނުވެވޭނެ ކަމަށް ނިންމި އެވެ. ނަމަވެސް އެ ޕާޓީގެ ޝަކުވާ ކޮމިޓީއަށް އަކްރަމް ހުށަހެޅި މައްސަލަ ބަލައި ފަހުން ވަނީ ފުރުސަތު ދީފަ އެވެ.
މަހްލޫފް ވާދަކުރައްވަން ހުށަހެޅުއްވީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސަށެވެ. މަހުލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމީ ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނަށް، އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން އޮތީ ފާސްކޮށްފައިވާތީ ކަމަށް ބުނެ އެވެ. ނަމަވެސް މަހްލޫފަށް ވާދަ ނުކުރެވޭނެ ކަމަށް ނިންމާފައިވަނީ ޑިމޮކްރެޓިކް މުޖުތަމައުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ކަމަށް އޭނާ ދެކެ އެވެ.