މި އަހަރު ވަރަށް ކާމިޔާބް ހަތަރު ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ދީޕިކާ ޗުއްޓީ ހޭދަ ކުރަމުން އަންނަނީ އިންޑިއާގެ ކުންފުންޏަކުން ރާއްޖޭގައި ހިންގާ ތާޖް އެގްޒޯޓިކާ ރިސޯޓްގަ އެވެ.
ބައެއް ރައްޓެހިންނާ އެކު ދީޕިކާ ރާއްޖެ އައިސްފައި ވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.
ޝާހްރުކް ހާނާ އެކު 2007 ވަނަ އަހަރު "އޯމް ޝާންތީ އޯމް" އިން ބޮލީވުޑަށް ތައާރަފުވި ދީޕިކާގެ ހަތަރު ފިލްމެއް މި އަހަރު ރިލީޒްވި އިރު، އެ ހުރިހާ ފިލްމުތަކަކީ ވެސް 100 ކްރޯޑަށް ވުރެ ގިނަ ރުޕީސްގެ ވިޔަފާރިކޮށްފައިވާ އަދި ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ވެސް ހަދާފައިވާ ފިލްމުތަކެކެވެ.
އެ ފިލްމުތަކަކީ ޝާހްރުކް ހާނާ އެކު ދީޕިކާ ފެނިގެން ދިޔަ ދެވަނަ ފިލްމް "ޗެންނައި އެކްސްޕްރެސް" އާއި ރަންބީރު ކަޕޫރާ އެކު ކުޅުނު "ޔެ ޖަވާނީ ހޭ ދީވާނީ" އާއި ސައިފް އަލީ ހާނާ އެކު ފެނިގެން ދިޔަ "ރޭސް 2" ގެ އިތުރުން ރަންވީރު ސިންގާ އެކު ދީޕިކާ ކުޅުނު ފުރަތަމަ ފިލްމް "ރާމް-ލީލާ" އެވެ.
ދީޕިކާ ޗުއްޓީ އަށް ރާއްޖެ އައިސްފައި މި ވަނީ އެ ހަތަރު ފިލްމުގެ ކާމިޔާބީ ފާހަގަކޮށް އާދީއްތަ ދުވަހުގެ ރޭ ބޮޑު ޕާޓީއެއް ވެސް ބޭއްވުމަށް ފަހު އެވެ.
އެ ޕާޓީގައި ބޮލީވުޑްގެ ވަރަށް ގިނަ އޭ ލިސްޓް ތަރިންނާއި ގިނަ އަދަދެއްގެ މަޝްހޫރު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ބައިވެރިވި އެވެ.
އުމުރުން 27 އަހަރުގެ ދީޕިކާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ރަޖްނީކާންތާ އެކު ކުޅުނު "ކޮޗަދައްޔާން" އާއި އަރުޖުން ކަޕޫރާ އެކު ކުޅުނު "ފައިންޑިން ފެނީ ފެނާންޑޭޒް" އާއި ޝާހް އާ އެކު ކުޅޭ "ހެޕީ ނިއު އިޔާ" ހިމެނެ އެވެ.