ލާމަރުކަޒީ ގާނޫނުގެ މުޅި ރޫހަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައި ރައްޔިތުންގެ ބައިވެރިވުމާއި އެކު ރަށާއި އަތޮޅު އަދި ސިޓީ ތަރައްޤީ ކުރުމުވެ. ރައްޔިތުންނާއި ގާތުން ވެރިކަން ކުރުމުގެ ފުރުސަތު ބޮޑު ކުރުމުގެ ގޮތުން ލާމަރުކަޒީ ގާނޫނުގައި ސީދާ ރައްޔިތުންނާއި ބައްދަލު ކުރުމަށާއި، ރައްޔިތުންނާއި ގުޅޭ ކަންކަމުގައި މަޝަވަރާ ކުރުމަށް ވަނީ ލިޔެފައެވެ. މީގެ އިތުރުންވެސް ކައުންސިލްގެ ބަޖެޓާއި، ކައުންސިލް ހިންގި ގޮތުގެ ތަފްސީލް ރައްޔިތުންނާއި ހިއްސާ ކުރަން ޖެހެއެވެ.
އައްޑޫ އާ ކައުންސިލްގެ ފުރަތަމަ 100 ދުވަސް ނިމޭއިރު ލާމަރުކަޒީ ގާނޫނުގައި ލާޒިމްކޮށްފައިވާ ރައްޔިތުންގެ އެއްވެސް ބައްދަލުވުމެއް ބޭއްވިފައި ނުވެއެވެ. ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބުނަނީ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީއާއި ޖުލައި މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެކަމަށެވެ.
އެގޮތުން ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ރައްޔިތުންނަށް ހުށަހަޅަން ޖެހެއެވެ. އަދި ޖުލައި މަހުގައި ބާއްވާ އާންމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދަންވާނެއެވެ. މިގޮތުން ރައްޔިތުންނާއި ބައްދަލުކުރުމުގެ 7 (ހަތެއް) ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕްލޭނާއި ބަޖެޓުގެ މައުލޫމާތު އާންމުކޮށް ހާމަކުރަންވާނެއެވެ. މީގެ އިތުރުން ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ކައުންސިލުން އާންމުކޮށް ހާމަކުރަންވާނެއެވެ.
އާ ކައުންސިލް ހުވާ ކުރީ މޭއި 17 ވަނަ ދުވަހުއެވެ. ކައުންސިލް ހުވާ ކުރި އިރު މިއަހަރުގެ ފުރަތަމަ 5 މަސް ދުވަސް ވަނީ ފާއިތުވެފައެވެ. އެހެންވެ އާ ކައުންސިލަށް ފުރަތަމަ ކުރަން ލާޒިމުވެފައި އޮތީ ކުރީ ކައުންސިލް ހިންގި ގޮތުގެ ރިޕޯޓު ގާނޫނުގައި ބުނާ 20 ޖުލައިގެ ކުރިން އާއްމު ކުރުމެވެ. އަދި ޖުލައި މަސް ނިމުމުގެ ކުރިން ރައްޔިތުންނާއި މަޝްވަރާ ކުރުމެވެ. ނަމަވެސް ޖުލައި މަސް ނިމި އޮގަސްޓު މަސް ނިމޭއިރުވެސް ކައުންސިލުން ރައްޔިތުންނާއި ބައްދަލުވުމެއް ބާއްވާފައި ނުވެއެވެ.
ކައުންސިލްގެ ފުރަތަމަ 100 ދުވަސް ނިމިގެންދާއިރު އައްޑޫ ސިޓީ ކައުންސިލްވަނީ ރައްޔިތުންނާއި ގުޅުން ހުރި މުހިއްމު ނިންމުންތަކެއް ނިންމާފައެވެ. އޭގެ ތެރޭގައި ކުލީ ބިންތަކުން ނަގާ ފީ ބޮޑު ކުރުމާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން އާއްމުން ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތި ތައް ނެގުމަށް ވަނީ ނިންމާފައެވެ. އަދި އެގޯތި ތަކުގެ ބަދަލުގައި ކުރިން ހޮސްޕިޓަލް އެޅުމަށް އައްޑޫ ސްޓޭޑިއަމް ސަރަހައްދުގައި ހާއްސަކޮށްފައިވާ ބިމުން ގޯތިތައް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުންވެސް ރަށްތަކުގެ ބަނދަރު ބޭނުން ކުރާ ފަރާތްތަކުން ފީ ނެގުމަށްވެސް ކައުންސިލުގައި ވަނީ މަޝަވަރާ ކުރެވިފައެވެ.
އާއްމު ރައްޔިތުންގެ މަންފާއަށް ކުރުމަށް ކައުންސިލުން ކަންކަން ނިންމުމުގެ ކުރިން އެކަންކަމާއި މެދު ރައްޔިތުންގެ ހިޔާލ ހޯދުމަކީ މުހިއްމުކަމެކެވެ. އަދި އެއީ އެކަން އެންމެ ރަނގަޅަށް ކުރެވޭނެ އުސޫލުވެސް މެއެވެ. ނަމަވެސް ރައްޔިތުންގެ ކަންކަން ރައްޔިތުންނާއި މަޝަވަރާ ނުކޮށް ކުރުމުން ބައެއް ފަހަރު އެކަން ކަން ރައްޔިތުން ބަލައި ނުގަނެއެވެ.
އައްޑޫ ކައުންސިލްގެ ފުރަތަމަ 100 ދުވަސް ނިމިގެންދާ އިރު އަދި ފެންނަނީ އައްޑޫ ކައުންސިލުން ރައްޔިތުންނަށް ފިލައިގެން ރައްޔިތުންނާއި ބައްދަލު ނުކުރަން މަސައްކަތް ކުރާތަނެވެ. ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ނުވަތަ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ހުށަހަޅާ ކަންކަން އެޖެންޑާ ނުކޮށް ބޭރު ކުރާ ތަނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑުގެ ވަބާ އޮތުމުން ބައެއް ކައުންސިލްތަކުން ރައްޔިތުންނާއި ބައްދަލުކޮށްފައިވަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައެވެ. އެގޮތުން މާލެ ސިޓީއިން ރައްޔިތުންގެ ބައްދަލުވުންތައް ޒޫމް މެދުވެރިކޮށް ވަނީ ބާއްވާފައެވެ. އަދި ކްލަބް ހައުސް ތައަރަފްވުމާއި އެކު ބައެއް ކައުންސިލް ތަކުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ކްލަބް ކްލަބް ހައުސް މެދުވެރިކޮށް ދަނީ ހޯދަމުންނެވެ. އަވައްޓެރި ފުވައްމުލައް ސިޓީ، ތިނަދޫ ކައުންސިލުން ވަނީ ކްލަބް ހައުސް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ހޯދާފައެވެ. ނަމަވެސް އައްޑޫގެ މޭޔަރ އަލީ ނިޒާރަށް ކްލަބް ހައުސް ސިފަވަނީ ފިތުނަ އުފައްދާ ތަނެއްގެ ގޮތުގައެވެ. އެހެންވެ އެޕްލެޓުފޯމު ބޭނުން ކުރުން މަދުކުރުމަށް ބައެއް ކައުންސިލަރުންނަށް ދަންނަވާފައިވާކަމަށްވެސް އަޑުތައް އިވެއެވެ.
100 ދުވަސް ނިމިގެން ދިޔަ އިރު އައްޑޫ ރައްޔިތުން އުއްމީދު ކުރި ފަދަ ގުޅުމެއް ރައްޔިތުންނާއި ކައުންސިލުން އުފެއްދިފައިނުވެއެވެ. ކައުންސިލް އިންތިހާބުގެ ކެމްޕެއިން ތެރޭގައި މޭޔަރު ނިޒާރު ވަނީ އައްޑޫ ތަރައްޤީ ކުރާނީ ހުރިހާ ރައްޔިތުން ހިމަނައިގެން ރައްޔިތުންގެ ހިޔާލާއި އެކު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް 100 ދުވަސް ހަމަވި އިރު އެ ވައުދު މަތިން ހަނދާން ހުރި ކަމުގެ މަންޒަރެއް ނުފެނެއެވެ. ލާމަރުކަޒީ ގާނޫނުގެ 109، 110 ވަނަ މާއްދާ މިވަނީ ބޮލާލާ ޖަހާފައެވެ.